ޚަބަރު

ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވާނެ

މާދަމާއަކީ ދިވެހިރާއްޖޭގެ މިއަހަރު ޖުމްހޫރީ ދުވަސްކަމުން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ހެނދުނު ޤައުމާއި މުޚާތަބު ކުރައްވާނައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައިކަމަށެވެ.

ކޯވިޑުގެ ޙާލަތާ ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ މި އަހަރު ނުބާއްވަވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ދެއްވުމަށް ނިންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މިހާރުވަނީ ފަސްކުރައްވާފައެވެ. އަދި މިހާރު ނިންމަވާފައިވަނީ ޤައުމީ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ވަކިން ޚާއްޞަ ޖަލްސާއެއް ބާއްވަވާގޮތަށެވެ. މި ޖަލްސާ ބާއްވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެއެވެ.

މާދަމާ ފާހަގަކުރާނީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމްކުރެވުނީ، 1 ޖެނުއަރީ 1953ގައި، ސުމުއްވުލް އަމީރް އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައެވެ.

މިހާރު ޤާއިމުވެފާ މިއޮތް، ދެވަނަ ޖުމްހޫރިއްޔާ ދިވެހިންނާ ބައްދަލުކުރީ ސުމުއްވުލް އަމީރް އަލް މަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close