ޚަބަރު

އެމެރިކާގެ އައު ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

އެމެރިކާގެ 46 ވަނަ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.

މަރުޙަބާ ދެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި އެމެރިކާގެ 46 ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަންއަށް މަރުޙަބާ ދެންނެވުމާއެކު ވިދާޅުވެފައިވަނީ އެމެރިކާގެ އައު ސަރުކާރާއިއެކު ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށާއި، ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ފާޅުކުރައްވާކަމުގައެވެ.

ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

ހަމައެހެންމެ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިޑަންގެ ސަރުކާރާއެކު ރާއްޖޭން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ އެކަމަށް މަރުޚަބާ ވިދާޅުވެ، ޓުވީޓުކުރައްވާފައެވެ. ނައިބު ރައީސްގެ ޓުވީޓުގައި ޤައުމު ހިންގުމުގެ މަސްއޫލިއްޔަތާއި ޙަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއިރު، އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޓްރަންޕު ކާމިޔާބުކުރެއްވި ބޮޑެތި ސިޓީތަކުގެ ނަތީޖާ އަނބުރާލައްވާފައެވެ. މީގެތެރޭގައި އެރިޒޯނާ، ޕެންސަލްވޭނިއާ، އަދި ޖޯޖިއާވެސް ހިމެނެއެވެ.

އުމުރުފުޅުން 78 އަހަރުގެ ބައިޑަން ވެގެން ދާނީ މިހާތަނަށް އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވި އުމުރުގެ ގޮތުން އެންމެ ދޮށީ ބޭފުޅާއަށެވެ. އަދި މީގެ އިތުރުން ބައިޑަން ވެފައި ވަނީ އެމެރިކާގެ ތާރީޚުގައިވެސް ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅާއަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close