ބަލިމީހާ ވިލިގިއްޔަށް އެރުވުމަށް ހުރަސްއެޅި މީހުންނަށް ހަރުކަށިފިޔަވަޅު އެޅުމަށް ގޮވާލައިފި
ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް19 ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ބަލިމީހާ، އެރަށަށް އެރުވިޔަ ނުދީ ހުރަސްއެޅި މީހުންނާއި އެކަމަށް ހިތްވަރުދިން މީހުން ހޯދާ ހަރުކަށިފިޔަވަޅު އެޅުމަށް ގއ.ވިލިގިލީ ކައުންސިލުން ގޮވާލައިފިއެވެ.
ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާ އިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔަ އެވެ. ނަމަވެސް ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވުނެވެ.
ވިލިނގިލީ ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރީ ގދ. ތިނަދުއިން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހެކެވެ. އެމީހާ މިހާރުވަނީ މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފިއެވެ.
ވިލިނގިއްޔަށް އޭނާ ނޭރުވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ މައްސަލައާ ގުޅިގެން އެ ރަށުގައި ހުރި ފެސިލިޓީ އެހެން ތަނަކަށް ބަދަލުކުރުމަށް ބައެއް މަޖިލިސް މެމްބަރުން ވެސް މިއަދު ވަނީ ގޮވާލައްވައިފައެވެ.
ގއ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ އެއީ ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް ކަމަށާއި، އެކަމުގައި ބައިވެރިވި މީހުންނާއި އެކަމަށް ހިތްވަރު ދިން މީހުން ހޯދައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
