ޓެލެގްރާމްގެ އަހަރީ ދުވަހާ ދިމާކޮށް ވީޑީއޯ ކޯލް ލޯންޗްކޮށްފި
މަޝްހޫރު އޮންލައިން ޕްލެޓްފޯމް ޓެލެގްރާމްގެ 7 ވަނައަހަރީ ދުވަހާ ދިމާކޮށް އެމީހުންގެ އާޚިދުމަތެއްގެ ގޮތުގައި ކަސްޓަމަރުންނަށް ވީޑިއޯކޯލް ކުރެވޭނެ ގޮތް ހަދައިފިއެވެ.
ޓެލެގްރާމްގައި ވަން-އޮން-ވަން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދާފައިވާއިރު އެޚިދުމަތް މިހާރު ހުރިހާ ފޯނުތަކަކަށްވެސް ލިބޭނެކަމަށް ޓެލެގްރާމުން ބުނެއެވެ. އެގޮތުން އެ ފީޗާ މިހާރު އެންޑްރޮއިޑާއި އައިއޯއެސްގެ އަހުލުވެރިންނަށް ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
އާ ފީޗާއާ ބެހޭ ގޮތުން ޓެލެގްރާމުން ބުނީ ސޯޝަލް ޑިސްޓެންސިން އަށް ތަބާވާން ޖެހޭ މިފަދަ ދަތި ވަގުތެއްގައި ވާޗުއަލްކޮށް “ފޭސް-ޓު-ފޭސްކޮށް” މުއާމަލާތްކުރެވުން ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމަށެވެ. އެހެންވެ ވީޑިއޯ ކޯލް ފީޗާ ތައާރަފުކުރުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެ ފީޗާ އިތުރަށް ޝައުގުވެރި އެއްޗަކަށް ހަދަން ވެސް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ވީޑިއޯ ކޯލް ފީޗަރ އަކީ މީގެ ދެހަރެއްހާ ދުވަސްކުރިން އެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ޓެލެގްރާމުން ބުނެފައިވާ ޚިދުމަތެކެވެ. ނަމަވެސް 7 ވަނައަހަރީ ދުވަހު ކަސްޓަމަރުންނަށް އާޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ހުކުރުދުވަހު ވަނީ ވީޑިކޯލް ލޯންޗްކޮށްފައެވެ. 14 އޯގަސްޓަކީ ޓެލެގްރާމްގެ އަހަރީ ދުވަހެވެ.
ޓެލެގްރާމުން ވީޑިއޯ ކޯލް ތައާރަފުކޮށްފައި ވަނީ ކޯލުގެ ތެރޭގައި ހުރެގެން ބޭނުން ވަގުތަކު ވީޑިއޯ އޮފްކޮށް، އޮން ވެސް ކުރެވޭ ގޮތަށެވެ. މީގެ އިތުރުން ކޯލްގައި ހުރެގެން ސްކްރޯލް ވެސް ކުރެވޭނެ އެވެ. ވީޑިއޯ ކޯލް ފީޗާ އަކީ އެންކްރިޕްޓް ވެސް ވާނެ އެއްޗެއް ކަމަށް ބުނެފައިވެއެވެ. އެހެންވެ އޭގެ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ބުންޏެވެ. އަދި މި އަހަރުގެ ފަހުކޮޅު ގްރޫޕް ވީޑިއޯ ކޯލް ކުރެވޭ ގޮތް ވެސް ހަދާނެ ކަމަށް ޓެލެގްރާމުން ބުންޏެވެ.
ބައެއް ޤައުމުތަކުން ޓެލެގްރާމްވެސް ބޭން ކޮށް އަދި ބޭން ކުރުމަށް ވާހަކަ ދައްކަމުންދާއިރު މީގެ ހަތް އަހަރު ކުރިން ތައާރަފުކުރި ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 400 މިލިއަނަށް ވުރެ ގިނަ އެވެ.

