ބާސާގެ ކޯޗު، މަޤާމުން ވަކިކޮށް އެކަން މިއަދު އިޢުލާނުކުރަނީ
ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުއާޓާރފައިނަލް މެޗެއްގައި މިހާތަނަށް އެއްވެސްޓީމެއް ބަލިވެފައިނުވާވަރުގެ ލަދުވެތި ތަފާތު ބޮޑުނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވެ މުބާރާތުން ކަޓާފައިވާ ބާސެލޯނާގެ ކޯޗު ކީކީ ސެޓެއިން އެޓީމުގެ ކޯޗުކަމުން ވަކިކޮށް މިއަދު އެކަން ރަސްމީކޮށް އިޢުލާނުކުރާނެކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯރޓްކޮށްފިއެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ބޯޑުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާއިރު އެ ބައްދަލުވުމަށް ފަހު ސެޓިއެން ވަކިކުރިކަން ރަސްމީކޮށް އިއުލާނުކުރާނެ އެވެ. މިކަންވަނީ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ ގާތް ފަރާތަކުން ސްޕެއިނުގެ ޓީވީއަށް ކަށަވަރުކޮށްދީފަ އެވެ.
މިއަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އިން އެޓީމުގެ ތާރީޙުގައި 2003 ވަނަ އަހަރަށް ފަހު ސީޒަން މެދުތެރެއިން ފުރަތަމަ ފަހަރަށް އޭރު ކޯޗަކަށް ހުރި އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ސެޓިއެންއާ ޓީމު ޓީމު ހަވާލުކުރީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެންގެ ކޯޗުކަމުގައި ބާސެލޯނާ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ. މިއީ ބާސާގެ ފުޓްބޯޅައިގެ ތާރީޙުގައިވެސް ފާއިތުވި 12 އަހަރު ތެރޭ ތަށްޓެއް ނުލިބި ބާސެލޯނާ އިން ސީޒަން ފުރިހަމަކުރި ފުރަތަމަ އަހަރެވެ. މިކަމާއި ގުޅިގެން ބާސާގެ ސަޕޯރޓަރުންވެސް ވަނީ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
ބޭރު ދުނިޔޭގެ މީޑިއާ ރިޕޯރޓްތައް ބުނާގޮތުގައި ބާސެލޯނާގެ ކޯޗަކަށް ގެންނަން ނިންމާނެ ކޯޗުންގެ އެންމެ ކުރީގައި އުޅެނީ މިއަދު ކޯޗުކަމުން ވަކިކުރާނެކަން އިޢުލާނުކުރާ ސެޓިއެންއާ ގެ ބަދަލުގައި އެޓީމަށް ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރި ބާސާގެ ކުރީގެ މިޑްފީލްޑަރ މިހާރު ގަތަރުގެ އަލް ސާދުގެ ކޯޗަކަށް ހުރި ޒަވީ ހެނާންޑޭޒާއެވެ. މީގެ އިތުރުން ބާސާއަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަދި އެމްއެލްއެސްގެ މޮންޓްރެއަލް އިމްޕެކްޓާ ހަވާލުވެ ހުރި ތިއަރީ އޮންރީ އެވެ. މީގެ އިތުރުން ޓޮޓެންހަމްގައި އެންމެ ފަހުން ހުރި މައުރީސިއޯ ޕޮޗެޓީނޯ އާއި އަޔަކްސްގެ އެރިކް ޓެން ހާގްގެ އިތުރުން ފްރާންސްގެ ލޯރެންޓް ބްލޮންކް އެވެ.
މިހާރު ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފޭނުންގެ ނަޒަރު ހުއްޓިފައިވަނީ ބާސާގެ ކޯޗަކަށް ދެން އަންނާނެ ފަރާތަކާއި މެދުގައެވެ.




ތިޔައީ ރަނގަޅު ކަމެއް