ރާއްޖޭގެ ފަތުރުވެރިކަމާގުޅޭ މުހިއްމު ސާރވޭއެއް ފަށައިފި
ކުރިމަގުގައި ރާއްޖޭގެ ބުރޭންޑު އިތުރަށް ވަރުގަދަކޮށް، އެކި މަރކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުުރުމުގައި ގެންގުޅޭނެ އުސޫލުތަކެއް ކަނޑައެޅުމާގުޅޭ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލުހޯދުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ސަރވޭއެއް ފަށައިފިއެވެ.
ރާއްޖޭގައި އަދިވެސް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭނުންކުރަނީ 2003 ވަނައަހަރުން ފެށިގެން ބޭނުންކުރަން ފަށާފައިވާ ސްލޯގަން ‘މޯލްޑިވްސް، ދަ ސަނީ ސައިޑު އޮފް ލައިފް’ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިސްފައިވަނީ މަތީ ފަންތީގެ ޙިދުމަތް ލިބޭ ރިސޯޓުތަކުންނެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތައް ތަރައްޤީކޮށްފައި ވަނީ ކޮންމެ ރަށެއްގައި ވަކި ރިސޯޓެއް ހިންގުމުގެ ކޮންސެޕްޓަށެވެ.
ނަމަވެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ ވަރަށް ބޮޑަށް ސިންދަފާތުވެފައެވެ. އެގޮތުން ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓެލްތައް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުޙިއްމު ބަޔަކަށް ވެފައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ތަފާތު ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.
