ޚަބަރު ޓޫރިޒަމް މިނިސްޓަރަކަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރަކަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު އަރުއްވައިފިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފަނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ. ހުވައިކުރެއްވުމަށްފަހު، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން މިއަދު ވަކިކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ

ޓުރިޒަމް މިނިސްޓަރު ކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި ޢަލީ ވަޙީދު، މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވުމުން، ރައީސުލްޖުމްހޫރިއްޔާ އެމަގާމުން ޢަލީ ވަޙީދު ވަކިކުރެއްވުމުންނެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅެމާ ގުޅިގެންނެވެ.

ޢަލީ ވަޙިދުގެ މައްޗަށް ތުހުމަތުކުރެވެނީ އެ މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ.

ޓެގް

ޓޫރިޒަމްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.