ރިޕޯޓްޓެކްނޮލޮޖީ

ޓިކްޓޮކް ގަންނަން މައިކްރޯސޮފްޓް ބޭނުންވަނީ ކީއްވެ؟

ވީޑިއޯ ޝެއަރކުރާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، މައިކްރޯސޮފްޓުން ގަންނަން ބޭނުންވެ އެމަޝްވަރާތައް ކުރިއަށްދާކަމަށް ހާމަކޮށްފާވަނީ މިހަފްތާތެރޭގައެވެ.

ސުވާލަކީ އެމެރިކާ އެހާބޮޑަށް ޓިކްޓޮކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު އަދި ޚާއްޞަކޮށް ޓިކްޓޮކް މަނާކުރާނެކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް މައިކްރޯސޮފްޓުން ޓިކްޓޮކް ގަންނަން ބޭނުންވަނީ ކީއްވެގެންބާއެވެ؟

މައިކްރޯސޮފްޓުން ބުނީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއާއެކު ކުރިއަށްދާ މަޝްވަރާތައް ނިންމާ، ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ޓިކްޓޮކްއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދާ މައިގަނޑު ސަބަބަކީ، ޓިކްޓޮކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެއެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ޗައިނާ ސަރުކާރާ ހިއްސާކުރާކަމަށް ބައެއް އޮފިޝަލުން ތުހުމަތުކުރެއެވެ. ނަމަވެސް ޓިކްޓޮކްއިން މިކަން ދޮގުކުރެއެވެ. ބައިޓްޑާންސްއިން ބުނާގޮތުން ޓިކްޓޮކްއާ ގުޅޭގޮތުން ކުރާ ތުހުމަތުތައް ސާބިތުކޮށްދޭވަރުގެ ހެކި ދެއްކިފައެއްނުވެއެވެ.

ކަމުގެ މާހިރުން ވިދާޅުވާގޮތުންނަމަ ޓިކްޓޮކް ގަންނަން މައިކްރޯސޮފްޓް ބޭނުންވަނީ މައިގަނޑު 2 ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ އެމީހުންގެ ވިޔާފާރި އިތުރަށް ފުޅާކުރުމެވެ. އެގޮތުން އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، ނިއުޒިލޭންޑް ފަދަ ބޮޑެތި ޤައުމުތަކުގައި މިހާރުވެސް ހިނގަމުންދާ ޓިކްޓޮކްގެ އޮޕަރޭޝަންތައް މައިކްރޯސޮފްޓަށް ލިބިއްޖެނަމަ ޔޫޓިއުބާއި، ފޭސްބުކްފަދަ ޕްލެޓްފޯމްތަކުގެ ވާދަވެރިކަމުގައި މައިކްރޯސޮފްޓަށް ކުރިހޯދިދާނެއެވެ.

މައިގަނޑު އަނެއްސަބަބަކީ ޓިކްޓޮކްގެ ފުރިހަމަ ކޮންޓްރޯލް މައިކްރޯސޮފްޓަށް ލިބިއްޖެނަމަ ޓިކްޓޮކުން އެއްކުރާކަމަށް އެމެރިކާއިން ތުހުމަތުކުރާ މަޢުލޫމާތުތައް ނުވަތަ މުހިންމު ޑާޓާތަކުގެ ފައިދާ މައިކްރޯސޮފްޓްގެ ވިޔަފާރީގައި ފުރިހަމައަށް ބޭނުންކުރެވިދާނެއެވެ.

ގިޔަބަޔަކު ޤަބޫލުކުރާގޮތުގައި މިހާރުވެސް މައިކްރޯސޮފްޓް ކުންފުންޏަކީ އެމީހުންގެ އުފެއްދުންތައް މެދުވެރިކޮށް އެކިމީސްމީހުންގެ ޒާތީ ސިއްރު މަޢުލޫމާތުތައް އެމެރިކާ ސަރުކާރާ ހިއްސާކުރަމުންދާ އެމެރިކާގެ ކުންފުންޏެކެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާ ބުނެފައިވަނީ ޓިކްޓޮކްގެ ހިއްސާ ގަތުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއެކު ފޯނުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ޓިކްޓޮކްއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ގެންގުޅުއްވާ ކަންބޮޑުވުންތަކަށް މައިކްރޯސޮފްޓުން ރިޔާއަތްކުރާނެކަމަށްވެސް އޭނާބުނެއެވެ.

 

މައިކްރޯސޮފްޓުން ބުނާގޮތުން ޓިކްޓޮކްގެ ފުރިހަމަ ސެކިއުރިޓީ ރެވިއުއެއް ހަދާނެއެވެ. އަދި މައިކްރޯސޮފްޓުން ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ ގަތުމުން އެމެރިކާއަށް ކުރާނެ ފައިދާތަކާ ގުޅޭ ތަފްސީލްވެސް އެމެރިކާ ސަރުކާރާ ހިއްސާކުރާނެއެވެ.

މައިކްރޯސޮފްޓް ކުންފުންޏަކީ އެމެރިކާއަށް ނިސްބަތްވާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. 1975 ވަނަ އަހަރުގެ އޭޕްރީލް 4 ގައި އުފެދުނު މިކުންފުންޏަކީ ކޮމްޕިއުޓަރާއި ގުޅޭ އެއްޗެހި އުފައްދާ ކުންފުންޏަކަށްވާއިރު މި ކުންފުންޏަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރެއިން ހިމެނޭ ކުންފުންޏެކެވެ.

މީގެ އިތުރުން ސޮފްޓްވެއަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަކީވެސް މައިކްރޯސޮފްޓްއެވެ. މައިކްރޯސޮފްޓް އުފެއްދި ބާނީންނަކީ ބިލް ގޭޓްސް އާއި ޕޯލް އެލެންއެވެ.

 

 

 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close