ގަމުތުނޑި ބަނދަރުގައި އޮތް ލޯންޗުގައި ރޯކޮށްލި މީހުންނަށް ޓެރަރިޒަމްގެ ދައުވާކޮށްފި
ލ.ގަމު ތުނޑި، ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މީހުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މޫސާ އިނާސްއާއި ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށެވެ. ކުރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މިއަހަރުގެ މާޗްމަހުގެ 22ވަނަ ދުވަހު ލ.ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ޤަޞްތުގައި އަލިފާންރޯކޮށްލި މައްސަލާގައި ލ.ގަން، ތުނޑި، ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ. މި ދަޢުވާ ސާބިތުވެއްޖެނަމަ އޭނާ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލަށް ލެވޭނެއެވެ.
މި މައްސަލާގައި މޫސާ އިނާސްއާއި، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާމީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ޖުލައިމަހުގެ 29ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ.
އަދި ހަމަ މިމައްސަލައިގެ ހެކި ނައްތާލާފައިވާތީ ލ.ގަން، ތުނޑި، ލަވްސައިޑް، ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުއްލަޠީފް އިބްރާހީމް އިޢުތިރާފްވެފައިވާތީ، ޢަބްދުއްލަޠީފް އިބްރާހީމް 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް 6 ޖުލައި 2020 ދުވަހު އެ ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މާރޗް މަހުގެ 22 ވަނަ ދުވަހު ލ.ގަމު ތުނޑި ބަނދަރުގައި އަޅާފައިއޮތް އެރަށު ފުލުހުންގެ “ލޯންޗު 34” ގައި ރޯކޮށްލާފައިވަނީ އެރޭ ދަންވަރު 03:45 ހާއިރުއެވެ. އެރޭ އެސަރަހައްދަށް އެމްއެންޑީއެފް ގޮސް ބެލިއިރު ލޯންޗްގެ ވާ ކަނޑާލާފައިވާކަމަށާއި، މިކަމަކީ ބަޔަކު ގަސްތުގައި ކުރިކަމެއްކަން އެނގޭކަމަށްވެސް ފުލުހުން އެއިރުވަނީ ވިދާޅުވެފައެވެ. އެ އަލިފާނގަޑު ނިންވާލެވުނީ ފަތިހު 5 ޖަހާ އެހާކަންހާއިރު ކަމަށާއި ލޯންޗް ބޭނުން ނުކުރެވޭވަރަށް އަނދާ ފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ ދެމީހުންނަކީ 2007 ގައި ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލާގައި ހިމެނޭ ދެމީހުންނެވެ. މީގެތެރެއިން މޫސާ އިނާސް އަށް ކުށް ސާބިތުވިއެވެ. އަދި އަބްދުއްލަތީފަކީ އެ ހަމަލާއަށް ފަހު ފިލައިގެން އުޅުނު މީހެކެވެ.



