ޚަބަރު

ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގައިވެސް ސިޔާސީ ބޭފުޅުންގެ މުސާރަ ކުޑަކުރަނީ

ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބައެއް މުއްސަނދި ޤައުމުތަކުގައިވެސް ސިޔާސީ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ހުށަހަޅަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދާ މިދަނޑިވަޅުގައި ރާއްޖޭގައިވެސް އެކަން އެގޮތަށް ކުރަން ހުށަހަޅާނެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެއެވެ.

ބޮންޑޭ ބައެއް ނޫސްތަކަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަ ކުރަން އެމްޑީޕީގެ މެމްބަރުން ދެކޮޅު ނުހައްދަވާނެ ކަމަށާއި، ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން މަޖިލިހުގެ މެމްބަރުންނާއި ވަޒީރުން ވެސް މުސާރަ ކުޑަ ކުރަންމަޖްލިސްއަށް ހުށަހަޅުއްވާނެކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުން އަންނާނެ ކަމަށް ބެލެވިފައި ވާއިރު، ޚަރަދު ކުޑަކުރުމަކީ އެންމެން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި ސަރުކާރުން މިހާރު ވެސް ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާ ގުޅިގެން ވުޒާރާތަކަށް ފިނޭންސުން ސާކިއުލާއެއް ވެސް ފޮނުވާފައިވާ ކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.

ހަރަދު ކުޑަ ކުރަން ޖެހޭނީ އިދާރާތަކުން އެކަނި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މަޖިލިސް މެމްބަރުންގެ އިތުރުން ވަރީޒުންގެ މުސާރަ ވެސް ކުޑަ ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާދަމާ މަޖިލިސް ހުޅުވުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގައި އެކަމާ މެދުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

“އެއްވެސް މީހަކު ހިއެއް ނުވޭ މިކަމަށް ދެކޮޅު ހަދާނެ ހެން، ވަރަށް އަވަހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާނެ، އެ ބައްދަލުވުމުގައި އެކަމާ މެދު މަޝްވަރާ ކުރެވޭނެ. އީވާ ވެސް ރައީސް ނަޝީދުވެސް، އަލީ އާޒިމްވެސް، ޚާއްސަކޮށް އީވާ، ވަރަށް ޕޮޒިޓިވް.” ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، ޕީޖީ ގުރޫޕުގައި އެކަމަށް މަޝްވަރާކުރުމަށް ފަހު މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ވަޒީރުންގެ މުސާރަ ކުޑަކުރަން ވެސް ސަރުކާރުން ވިސްނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close