ފަރުދެއްގެ ނަޒަރު
ދިވެހިންގެ ތެރެގައި މިހާރު ހަރުލާފައި އޮތް ވަރަށް ނުރަނގަޅު ފިކުރެކެވެ. ޚާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައެވެ. އެކުދިން ނުވަތަ އެމީހުން ނުވަތަ އެޒުވާނުން ވިސްނާ ގޮތުގައި ތިމާ މީހަކަށް ހިތަން ޖެހޭނީ އެމީހަކު ތިމާއާއި މެދު ހިތި ގޮތަކަށެވެ. އެމީހަކަށް މިނެދޭން ޖެހޭނީ އެމީހަކު މިނެދިން ނާޅިއަކުންނެވެ. މިއީ ވަރަށް ގިނަ ފަރުދުންގެ ނަޒަރެވެ. އެމީހުން ވިސްނާ ވިސްނުމެވެ.
މިއީ ކަން އޮތް ގޮތެވެ. ވާނީ ވެސް މިހެންތާއެވެ.! އެއީ އިންސާނީ ޠަބީޢަތެވެ. ނޭނގި ނަމަވެސް ކޮންމެވެސް ގޮތަކަށް މިފިކުރު މީހުންގެ ތެރޭގައި ފަތުރާ މީހުން އެބަ އުޅެވެ. ހަނދާންވަނީ މިދިޔަ ބޮޑު ޗުއްޓީގައި ފޭސްބުކުގައި ޢާންމުވެގެންދިޔަ ޝިޔާރެކެވެ.ލަންދޫގެ ނަން ހިނގާ ގަދަރު ކުރެވޭ މީހުންވެސް މި ޕޯސްޓް ޝެއަރ ކޮށްފައިވެއެވެ.މި ޝިޔާރުގައި ވަނީ ” ދަ ބިގެސްޓް މިސްޓޭކް އޮފް 2019 އިޒް ދެޓް އައި ވޯޒް ފްރީ ޓު ޕީޕަލް ހޫ ވަރ ޓޫ ބިޒީ ޓު ބީ ފްރީ ފޯރ މީ!” މި ޝިޔާރުގައި ބުނަނީ 2019 ވަނަ އަހަރު ކުރެވުނު އެންމެ ބޮޑު ކުށަކީ ތިމާއަށް ވަޤުތު ނުދެވުނު މީހުންނަށް ވަޤުތު ހުސް ކުރެވުން ކަމެވެ. މިޝިޔާރުންވެސް ހާމަވާ ގޮތުގައި އެހެން މީހުން ތިމާއަށް ނުދިން ސަމާލުކަމެއް ތިމާވެސް އެމީހުންނަށް ދޭން ނުޖެހޭ ކަމެވެ.
ކޮންމެ ކަމެއްގައިވެސް މި ޙުކުމް ހިނގާނެއެވެ. މިސާލަކަށް ތަނެއްގައި ވަޒީފާގައި އުޅޭ މީހަކަށް ހަމައަށް މުސާރަ ނުދޭނަމަ އެމީހާ އެތަނަށް ވަޒީފާ ދިއުން އެމީހަކަށް ވާނީ ބޭކާރު ކަމަކަށެވެ. ސުކޫލު ކުދިންނަށް ވިސްނިއަސް ކަން އޮތީ މިހެންނެވެ. މިސާލަކަށް އެކުއްޖާއަށް ލިބެންވާ ފޮތް ފަންސޫރާއި ޔުނިފޯރމް ނުލިބޭނަމަ އޭނާ ސުކޫލަށް ގޮސް ކުރާނީ ކީއް ހެއްޔެވެ؟ ކުޑަ މިނުން ސުކޫލަށް ދާނީވެސް ކިހިނެތް ހެއްޔެވެ؟
މިފަހަކަށް އައިސް މިސްކިތުން ފެންނަ މީހުންވެސް ވަރަށް މަދު ކަމަށް އަޅުގަނޑަށް ފާހަގަވެއެވެ. އެއީ ދުއާލަކު ކުރާ 5 ނަމާދަށް 50 ނަމާދުގެ ސަވާބު ލިބުމުން ދާއިރެވެ. އަދި ނަމާދުން އެއްވެސް ފައިދާއެއް ނުވާނަމަ މިސްކިތައް ދާނީ ކިތައް މީހުން ބާއެވެ؟ އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ! ތިމާ އެހެން މީހެއްގެ ޙައްޤަކަށް އަރައި ގަތުމުގެ ކުރިން އެމީހަކު ތިމަގެ ޙައްޤަކަށްވެސް އަރައިގެންފާނެ ކަން ވިސްނާށެވެ! ފަރުދެއްގެ ނަޒަރުން ވިސްނާށެވެ!
މިއާ ޚިލާފަށް އެއްވެސް ޙައްޤެއް ނުލިބުނަސް އަދަ ކުރަން ޖެހޭ ވާޖިބު ތަކެއް އޮތްކަން ހަނދާން ކުރާށެވެ!އެއީ މައިމީހާގެ ޙައްޤެވެ. ތިމާގެ މަންމަ ތިމާއާއި މެދު ކިތަންމެ ނުބައިކޮށް ކަނތައް ކުރިއަސް ތިމާ އެމައިމީހާ ދިމާއަށް ނުރުހުމުގެ ގޮތުން “އުއްފު” ވެސް ބުނެގެން ނުވާނެއެވެ. މައިމީހާ ޝިރުކަށް ގޮވާ ނުލާހާ ހިނދަކުއެވެ. ކުޑައިރު ކާން ނުދީ ގެންގުޅުނު ކަމުގައިވިއަސް މައިމީހާ އެދުނު ކޮންމެ ކަމެއް ތިމާ ކޮށްދެން ޖެހޭނެއެވެ.
އެއްދުވަހަކު ރަސޫލާ (ޞޢވ) ގެ އަރިހަށް އެކަލޭގެފަނުގެ ޞަޙާބީއެއް ވަޑައިގެން އެކަލޭގެފާނު އަރިހުގައި ހަނގުރާމައަށް ވަޑައިގެންދެއްވުމުގެ އިޒުނައަށް އެދި ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.” ތިބާގެ މައިމީހާ ދުނިޔެގައި އެބަ ހުރިހެއްޔެވެ؟” ޞަޙާބީ އާދޭހޭ ވިދާޅުމުން އެކަލޭގެފަނު ޙަދީޠް ކުރެއްވިއެވެ.”އެހެންޔަ ތިބަ ތިބަގެ މަންމައަށް ޚިދުމަތް ކުރުމުގައި ވާށެވެ! އެހެނީ ސުވަރުގެ ވަނީ ތިބަގެ މައިމިހަގެ ފައިތިލަދަށުގައެވެ!”(رواه الترمزي) މިޙަދީޠުންވެސް އެނގޭ ގޮތުގައި ތިމާ ކިތަންމެ މާތް ނިޔަތެއްގައި ކަމެއް ކުރިކަމުގައި ވިއަސް އެކަމެއް އަންނަން ޖެހޭނި މައިމީހާއަށް ފަހުއެވެ!
މިނޫނަސް އެތަކެއް އެފަދަ ވަޖިބެއް އިންސާނާއާ މާތްﷲ ހަވާލު ކުރައްވާފައިވެއެވެ.މިސާލަކަށް ތިމާއަކި ފެނުމުގެ ނިއުމަތުން މަޙުރޫމު ވެފައިވާ މީހެކެވެ. ނަމަވެސް ތިމާއައި ޙަވާލު ވެފައިވާ ދީނީ ޒިންމާއިން ރެކުމަށް އެއީ ބަހަނާއެއް ނޫނެވެ. ތިމާއަށް ބަންގީގެ އަދު އިވޭނަމަ މިސްކިތަށް ދަން ޖެހޭނެއެވެ. މީހެއްގެ އެހީތެރި ކަމާއިއެކުނަމަވެސް އެކަން ކުރަން ޖެހޭނެއެވެ.
ހަމަ އެގޮތަށް ދިރިއުޅުމަށް ތިމާ ކުރަންޖެހޭ ޚަރަދުތައް ފެއްދުމަށް މީސްމީހުންގެ ގަތަށް ގޮސް ސަލަން ޖެހުމުގެ ބަދަލު ގައި އެޚަރަދުތައް ފުއްދާނެ ކޮންމެވެސް ގޮތެއް ތިމާ ހޯދަން ޖެހޭނެއެވެ. އާންމުކޮށް މީހުން ކޮށްއުޅޭ ކަހަލަ ކަމެއް ކަމެއް ނުކުރެވޭނަމަ ވަލުން ދަރު ކޮށައިން ދަރު ވިއްކައިން ނަމަވެސް އެ ޚަރަދުތައް ފުއްދާނެ ގޮތެއް ތިމާ ހޯދަން އެބަ ޖެހެއެވެ.
މި މަޢުލުއަށް ވާހަކަ ދެއްކުމަށް ކިތަންމެ ގިނައިން ވަޤުތު ލިބުނަސް ވާނީ ހަމަ މަދެވެ.ދެއްކޭނީ އެއްވާހަކައެކެވެ. ތިމާއަށް ލިބެންޖެހޭ ޙައްޤުތައް ނުލިބުނު ކަމުގައި ވިއަސް އަދަ ކުރަން ޖެހޭ ވާޖިބު ތަކުގައި ފަރުވާ ކުޑަ ކޮށްގެން ނުވާނެއެވެ.ނަމަވެސް ސަންފާ އޮނަކަށް ލިޔަސް ތެދުނުވާ އެއްޗެއްވެސް އޮވެއެވެ. އެގޮތަށް ކިތެ ވަރަށް ކިޔަސް އަޑު ނީވޭނެ ކަންފަތްތަކެއްވެސް ހުންނާނެއެވެ.ވުމާއެކު އެހެން މީހުން ތިމާއަށް ދޭން ޖެހޭ ހައްޤުތައް ނުދީފިނަމަ ތިމާއަށް ވާ އުނދަގޫ ތިމާގެ ވާޖިބުތައް އަދަ ނުކުރުމުން އެހެން މީހުނަށްވެސް ވާނެކަން ވިސްނާށެވެ.ފަރުދެއްގެ ނަޒަރުން ބަލާށެވެ. އެހެން ފަރުދަކަށް އެ އުނދަގޫ ވިޔަ ނުދީ ވެތޯ ބަލާށެވެ.!
ނިމުނީ

