ޚަބަރު

ވަޒީފާއިން ކަނޑާލި މުވައްޒަފުގެ މައްސަލައިގައި ހޮނޑާފުށީ މެނޭޖްމަންޓާއި ބައްދަލުކުރާނަން – މިނިސްޓަރ

ބަންދަށްފަހު އަންނަ އާދީއްތަދުވަހު ސަރުކާރު ހުޅުވުމާއެކު ހޮނޑާފުށީ މެނޭޖްމަންޓާއި ބައްދަލުކޮށް ކަނޑާލި މުވައްޒަފުގެ ކަންތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ހަފްތާގައި ހޮނޑާފުށި ރިސޯޓުން މުވައްޒަފަކު ކަނޑާލި ވާހަކަ އެނގުމާއެކު އެކަން ވަރަށް ގާތުން ބަލާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ރިސޯޓްގެ މެނޭޖްމަންޓާވެސް ވާހަކަދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަދި ހޮނޑާފުށިން ކަނޑާލި މުވައްޒަފަށް އެހީތެރިވުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން އެމުވައްޒަފަށް 3 މަހުގެ މުސާރަ ދިނުމަށް ވެސް ނިންމާފައިވާކަމަށެވެ.

“އެބޭފުޅާ އެދުނު ހުރިހާ ކަމެއް އަޅުގަނޑުމެން ވާނީ އަޑުއަހާފަ. އޭނައަށް ލިބުނުކަމަށް އޭނަ ވިދާޅުވަނީ 5001 ރުފިޔާ. އޭނަގެ މަހު މުސާރައެއްކަމަށް ވިދާޅުވީ 4000 ރުފިޔާ. އަޅުގަނޑު ޕާސަނަލީ ޔަޤީންކަން ދިނިން އޭނާގެ 3 މަހުގެ މުސާރައަށް ވާވަރަށް ފައިސާ ދޭނަމޭ.” މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރވިސް ޗާޖުގައި މައްސަލައިގައި އެމަނިކުފާނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ސަރވިސް ދެނީ ރަނގަޅަށް ނޫންކަމަށާއި މިމަހުން ފެށިގެން ސަރވިސް ޗާޖު މަދުން ދޭ ރިސޯޓްތަކަކީ ކޮބައިތޯ ބަލަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ނުދަންނަވަން އަދި ކުރިން ވެސް ނުދަންނަވަން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ސަރވިސް ޗާޖު ދެނީ އެއްވަރަކަށޭ ވެސް އަދި ހުރިހާ ތަނެއްގައި ދެނީ އެންމެ ރަނގަޅަކަށޭވެސް. އަޅުގަނޑު ދެންނެވީ ރާއްޖޭގެ އިންވެސްޓްކޮށްގެން ތިބި ކީ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ ރިސޯޓުތަކުގައި ރަނގަޅު ތަންތަން ރަނގަޅޭ” މިނިސްޓަރ ވިދާޅުވިއެވެ.

މިޑީއާގައި ރިޕޯޓުކޮށްފައިވާ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރި ހޮނޑައިދުއިން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ފަހުން ދީފައިވަނީ 11 ޑޮލަރެވެ. ރިސޯޓް ވަޒީފާއިން ވަކިކުރުމުން އެމައްސަލަ އެމުވައްޒަފު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށްވެސް ހުށަހަޅާފައެވެ.

ނަމަވެސް ހޮނޑާފުށި ރިސޯޓުން މިކަން ދޮގުކުރެއެވެ. އެރިސޯޓުން ނެރުނު ނޫބަސްބަޔާނެއްގައި ބުނެފައިވަނީ އެ މުވައްޒަފު ހުރީ ޕްރޮބޭޝަން ޕީރިއަޑްގައި ކަމަށާއި، ސަރވިސްޗާޖްގެ ގޮތުގައި ދިނީ 36  ޑޮލަރު ކަމަށެވެ. އަދި އެއީ އެމަހުގެ އޮކިއުޕެންސީގެ %16 ކަމަށްވެސް އެބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close