މިނިސްޓަރ ޢަލީ ވަޙީދުގެ އިސްތިއުފާއަށް ގޮވަން ފަށައިފި
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދެވޭ ސާވިސްޗާޖްއާ މެދު ދެއްކެވި ވާހަކަ ފުޅުތަކެއްގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި ގިނަ މުވައްޒަފުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށެވެ. އަދި އެކަމާ ދެކޮޅަށް “ފޭކް އެކައުންޓްތައް” ތަފާތު ވާހަކަ ފަތުރާތީ ދެރަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ޢަލީ ވަޙީދަށް އެކިފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވުމުން އަލީ ވަހީދު ދެއްކި ވާހަކަތައް ސާފުކޮށްދީ ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައިވަނީ މިނިސްޓަރު ޖުމްލަ ގޮތެއްގައި ސާވިސްޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށް ވިދާޅުނުވާކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި “ކީ” އިންވެސްޓަރުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ކަމަށެވެ.
އޭގެ އިތުރުން ސާވިސް ޗާޖު ދޭ އަދަދުތައް ވެސް މިނިސްޓްރީގައި އެބަ ހުރި ކަމަށް އަލީ ވަހީދު ވިދާޅުވުމަކީ ސާވިސް ޗާޖު ދިނުމުގައި އަމަލު ކުރަނީ ރަނގަޅަށޭ ނުވަތަ ގޯސްކޮށޭ ބުނުން ނޫން ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ފާޑުކިޔުން އަމާޒުވާން ފެށުމުން އަލީ ވަހީދު ވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަތައް ފަތުރާ ކަމަށް ވިދާޅުވެ ޓްވީޓްވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ އެންމެންގެ ހައްގުތައް ހިމާޔަތް ކުރައްވާނެ ކަމަށެވެ.
ރިސޯޓްތަކުގެ މުވައްޒަފުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުން ދާއިރު ޓޫރިޒަމް މިނިސްޓްރީގެ އެތެރޭގައި މުވައްޒަފުންނާމެދުވެސް ތަފާތުކުރުންތައް ގެންގުޅުއްވާ ކަމަށްވެސް ދަނީ މީޑިއާގައި އަޑުފެތުރެމުންނެވެ. އެގޮތުން އެމިނިސްޓްރީގައި ދިގުމުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާފައިވާކަމަށްވެސް ތުހުމަތު ކުރެއެވެ.


