ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން ސީރިއާގެ ހަނގުރާމައަށް ދާން މަސައްކަތް ކުރި

އިސްލާމްދީނުގެ ނަމުގައި ޖިހާދުކުރުމަށްކަމަށްބުނެ ސީރިއާއަށްގޮސް އެތާންގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރުމަށް ސީރިއާއަށް ދާން ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ޙަމީދު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދައުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ “ވިއަވަތި ރާއްޖެ” މަހާސިންތާގަ އެވެ. ހައްދުފަހަނާޅައިދިއުމުގެ އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވާން ކައުންސިލްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެން ކޮމިޝަނަރު ވަނީ ތަފާސްހިސާބުން ހާލަތު އަންދާޒާކޮށްދެއްވައިފަ އެވެ.

ކައުންސިލަރުންނަށް އަދި އާއްމު ރައްޔިތުންނަށް އޭނާ ދޫކޮށްލެއްވި މި އަދަދުތައް މީގެ ކުރިން އޮތީ ގައުމީ ސަލާމަތާގުޅޭ ސިއްރެއްގެ ގޮތުގަ އެވެ. އެކަމަކު، އެ އަދަދުތައް ހާމަކުރެއްވީ، ހައްދުފަހަނާޅައި ދިއުމުގެ އަމަލުތައް ސިއްރުކޮށް، އަޅާނުލައި ތިބުމާ ދެކޮޅަށް މި ސަރުކާރުން ތެދުވެ، އެކަން ހުއްޓުވަން އެންމެންގެ އެހީތެރިކަމަށް އެދެމުން އަންނާތީ އެވެ.

ކޮމިޝަނަރު އާއްމު ކުރެއްވި ތަފާސްހިސާބު

– ސީރިއާގެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި.

– އޭގެތެރެއިން ސީރިއާ އަށް އެތެރެވެވުނު ކަމަށް އެނގެން އޮތީ 173 ދިވެހިން.

– ސީރިއާގައި މިހާރު ތިބީ 59 ދިވެހިން. އޭގެތެރޭގައި ގިނައީ ކުޑަކުދިން. ރާއްޖެ ގެނެވޭ ހާލަތުގައި ތިބީ ހަތަރު ފިރިހެނުން.

– ހަރުކަށި ފިކުރުގެ ތެރެއަށް ގެނބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރުގެ ގާތްގަނޑކަށް 1400 މީހުން އެބަތިބި.

– ހަރުކަށި ފިކުރުގެ އެންމެ އިސް ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމުގެ މަސައްކަތް އެބަދޭ.

ކޮމިޝަނަރު ވިދާޅުވީ ހަނގުރާމަ އަށް ސީރިއާ އާއި އަފްގާނިސްތާނަށް ދިޔަ ދިވެހިންގެ ތެެރެއިން ބަޔަކު ރާއްޖެ އައިސް މިހާރު ވެސް އެ ފިކުރު ފެތުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

“ބައެއް ރަށްރަށުގައި މި ފިކުރު ފެތުރި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅި، ނުރައްކާތެރި އަމަލުތައް ފެނިގެންދާ ދިއުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،” އޭނާ ވިދާޅުވި އެވެ.

މީގެ ހައްލެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ ކައުންސިލްތަކުން މިހާރަށް ވުރެން ބޮޑަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމެވެ. އެ މަގަށް މަސައްކަތްތައް ތަރުތީބު ކުރައްވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close