ޚަބަރު

ރައީސް ޔާމީނާ ބައްދަލުކުރަން ޖާބިރު އެދިވަޑައިގެންފި

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރުމަށް ފުރުޞަތެއް ދެއްވުން އެދި ހޯމް މިނިސްޓަރަށް ޖާބިރު ސިޓީއަކުން އެދިވަޑައިގެންފިއެވެ.  

ހޯމް މިނިސްޓަރަށް އެޑްރެސްކޮށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޑީއާރުޕީގެ ލީޑަރުގެ ހައިސިއްޔަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލު ބެއްލެވުމަށް ބޭނުންފުޅުވާ ކަމަށެވެ.

އެހެންކަމުން ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ޖާބިރު ވަނީ ސިޓީގައި އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޖާބިރު ވަނީ މަޖިލީހާއި އެހެން ޕްލެޓްފޯމްތަކުގައިވެސް ރައީސް ޔާމީނަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީން ވަގުތުން ހިފައި ހައްޔަރުކޮށް ތަހުގީގު ހިންގައި ޖަލަށް ލާންޖެހޭކަމަށް އެތައް ފަހަރަކު ޖާބިރު ވިދާޅުވެފައި ވެއެވެ.

އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލައިގައި މަނީ ލޯންޑަރިން ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކޮށްފައެވެ.

ހުކުމް ކުރުމަށްފަހު ރައީސް ޔާމީން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ މާލެ ޖަލަށެވެ. އަދި މިއަދު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ޖާބިރު ރައީސް ޔާމިނާ ބައްދަލުކުރަން އެދިފައިވާއިރު ޖާބިރު ބައްދަލު ކުރައްވަނީ ކޮންބޭނުން ފުޅެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެއްވެސް މީޑިއާ އަކުންވެސް އެކަންހާމަކޮށްފައެއްވެސް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close