ޚަބަރު

ސަސްޕެންޝަން ބަލައެއް ނުގަންނަން ، އެއީ ޣައިރު ޤާނޫނީ ޢަމަލެއް – އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށާއި، އެއީ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިއްޔެ ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ އަމަލަކީ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށްލި އަމަލެއް ކަމަށެވެ. ފަނޑިޔާރަކު ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މައްސަލަ ނުބެލޭނެ ކަމާއި އަދުލްއިންސާފުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީއިން ކަށަވަރުވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ނެރުއްވި ބަޔާނުގައި ވެސް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ތަކުރާރު ކުރެއްވެވިއެވެ.

އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖްކޮށް ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރެއް ޖޭއެސްސީއަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމަކަށް އެ ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވަނީ މިރޭ ވެސް ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަ ބަލައި އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އަހްލާގީ ގޮތުން ނޫނީ ސުލޫކީ ގޮތުން އެެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އެއްވެސް ސިފައެއްގައި ހިންގިކަން އެންމެ ކުޑަމިނުން ޝައްކު އުފައްދަން ޖެހޭ ފަދަ ހެއްކެއް އަދި އަސާސެއް ވެސް ވުޖޫދުގައި ނެތީސް އަމިއްލަ ހިޔާލުން އުފައްދައިގެން ކަމަށެވެ.

“އެ ނިންމުމަށް ތަބާވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ހައިސިއްޔަތުން ކޮށްގެން ހުރި ގާނޫނީ ހުވަޔާއި ޚިލާފްވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވުން ކަމުގައިވާތީ އެ ނިންމުން ބަލައިނުގަތުމަށް ނިންމައި، އެ ވާހަކަ އެންމެހައި ލޮބުވެތި ރައްޔިތުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.” ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ފަނޑިޔާރު ކަމުން ވަކިކުރުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close