ސިޔާސީ މަޤާމްތަކުގެ ޢަދަދު އަންނައަހަރު 785 ށް އަރާނެ – ބަޖެޓް
މިސަރުކާރުގެ ސިޔާސީ މަޤާމްތަކުގެ ޢަދަދު އަންނަހަރު 785ށް އަރާނެކަމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުން ފާހަގަވެއްޖެއެވެ.
ދައުލަތުގެ ބަޖެޓްގައި 785 ސިޔާސީ މަގާމަށް 33 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.
މިދިޔަ ޖުލައި މަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރުގައި 450 އަށް ވުރެ ގިނަ ބޭފުޅުން ސިޔާސީ މަގާމުތަކުގައި ތިއްބެވިއިރު، އެމަނިކުފާނުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 334 ބޭފުޅުން ކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 800 އާއި ކައިރިކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދާނެ ކަމަށް ލަފާކޮށްފައިވާއިރު، މި އަދަދުން މިއަހަރަށްވުރެ އަންނަ އަހަރަށް ކަނޑައަޅާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ދެގުނަ އިތުރުވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިހާރު ދިރާސާ ކުރަމުން އަންނަ، އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުންނަމަ، ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގައެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ހެލްތު މިނިސްޓްރީގައި 109 މަގާމަކަށް 27 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު، ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ހަތަރު ވަނައަށް ސިޔާސީ މަގާމުތައް އެންމެ ގިނައީ ޔޫތް މިނިސްޓްރީގައެވެ. އެ މިނިސްޓްރީގެ 28 ސިޔާސީ މަގާމަކަށް 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް އަންނަ އަހަރު ދެގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިއެވެ.
އެގޮތުން ސަރުކާރު ކޯލިޝަނުން އޭރު ވައުދުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ޔާމީން ސަރުކާރަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. އެ ވައުދާއެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއް ވެސް ހިއްސާވާނެ ނިސްބަތެއް ކަނޑައެޅިއެވެ.
އެއީ އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައަޅާފައި ވަނީ 15 ޕަސެންޓެވެ.

