ޚަބަރު

ފިޔާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއަށް 100،000 ޓަނުގެ ފިޔާ އެތެރެކުރަނީ

އިންޑިއާއިން ފިޔާ އުފައްދާ މިންވަރު ދަށްވުމާގުޅިގެން ބޭރުގެ އެހެން ޤައުމުތަކުން އެއްލައްކަ ޓަނުގެ ފިޔާ އެތެރެކުރުމަށް އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާއިން ފިޔާ އުފެއްދުން ދަތިވެ، އެހެން ޤައުމުތަކުން އިމްޕޯޓުކުރަން ނިންމާފައިވާއިރު އިންޑިއާ އެމްބެސީއިން ބުނެފައިވަނީ ރާއްޖެއަށް ފިޔާ އެތެރެކުރަމުންދާ ދިއުމަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހިފައިވާ ކޯޓާގެ ދަށުން ރާއްޖެއަށް ފިޔާ ލިބެމުންދާނެކަމަށެވެ.

އިންޑިއާއަށް ކުރިމަތިވި ފިޔާގެ ދަތިކަމާއެކު އިންޑިއާގެ ޓުޓީކޮރިން ބަނދަރުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. މިއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. އެގޮތުން ކުރިން 8-10 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް 60 ރުފިޔާ އަށާއި 70 ރުފިޔާއަށް ވިއްކިއެވެ.

އެހެންނަމަވެސް، ޓުޓިކޮރިން ބަނދަރުން ދިމާވި މައްސަލަ ހައްލުވުމާއެކު ފިޔާގެ އަގު ހެޔޮވެގެންދިޔައެވެ. މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 18 ރުފިޔާއަށެވެ. އިންޑިއާއިން އަހަރެއްގެ މައްޗަށް ނަވާރަ ޕޮއިންޓު ތިނެއް މިލިއަން ޓަނުގެ ފިޔާ އުފައްދައެވެ. މިއީ 500 މިލިއަން ޑޮލަރާއި ގާތްކުރާ ވަރުގެ ޢަދަދެކެވެ.

އިންޑިއާގެ ފުޑް އެންޑް ކޮންސިއުމަރ އެފެއަރސް މިނިސްޓަރ ރާމް ވިލަސް ޕަސްވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަށް މިހާރު ދިމާވެފައިވާ ފިޔާގެ ދަތިކަމަށް ހައްލެއް ގެނައުމަށް ބޭރުން ފިޔާ އެތެރެކުރުމަށް އެޤައުމުން ނިންމާފައިވާކަމަށެވެ.

އެގޮތުން އެއް ލައްކަ ޓަނުގެ ފިޔާ އެތެރެކޮށް ނޮވެމްބަރު ފަނަރައާއި ޑިސެމްބަރު ފަނަރައާދޭތެރޭ އިންޑިއާގެ ލޯކަލް މާރުކޭޓުތަކުން ލިބެން ހުންނާނެކަމަށެވެ. އިންޑިއާއަށް ފިޔާގެ ދަތިކަން ކުރިމަތިވެފައިމިވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރި މުސުމީ ވިއްސާރާގައި އިންޑިއާގެ ފިޔާ ދަނޑުތަކަށް ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބުމާއި ގުޅިގެންނެވެ. މިއާއެކު އޭރު އިންޑިއާއިން އޮތީ ބޭރު ޤައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލާފައެވެ. އެހެންނަމަވެސް ވަކީ ޚާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުމުގައި ދަތިނުވާނެކަމަށް އިންޑިޔާ ސަރުކާރުން ވަނީ ޔަޤީންކަން ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close