ފަސް ބޯޅަދަނޑެއް ހެދުމަށް 6.4 މިލިއަން ރުފިޔާ ޚަރަދުކުރަނީ
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެންވަރު ރަގަޅު ފުޓްބޯޅަ ދަނޑުތައް ޤާއިމް ކުރުމަށް ޔޫތުމިނިސްޓްރީން ހިންގަމުން ގެންދާ މަޝްރޫޢުގެ ދަށުން ފަސް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހަދަން ގާތްގަނޑަކަށް 6.4 މިލިއަން ރުފިޔާ ޚަރަދު ކުރަން ފާސްކޮށް އެމަސައްކަތްތައް ކުންފުނިތަކަކާ މިއަދު ހަވާލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމްގެ އިތުރުން ނ. ކުޑަފަރީގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެވެ.
ކުޅުދުފުއްށީ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.3 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އާރުކޭއެލް ގްރޫޕަށެވެ. އޭގެ އިތުރުން ނޮޅިވަރަމާއި ހަނިމާދޫ ދަނޑުގެ މަސައްކަތް ވެސް، ހަމަ އެ އަގަށް ހަވާލުކުރީ އާރުކޭއެލް ގްރޫޕަށެވެ.
ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް ހަވާލުކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.- ފޮޓޯ: ޔޫތު މިނިސްޓްރީ
ނެއްލައިދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.1 މިލިއަން ރުފިޔާ އަދި ކުޑަފަރީ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.1 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވެސް ފްލެކްސް އިންކް ކުންފުންޏާ އެވެ.
އެ ދަނޑުތައް ހަވާލުކުރީ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި ދަނޑުތަކާއެކު މިހާތަނަށް މިނިސްޓްރީން ވަނީ ޖުމްލަ 19 ދަނޑެއްގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައެވެ. މި ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް ނިމުނުހާ އަވަހަށް ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
