ޚަބަރު

ތެޔޮބައުޒަރުތަކުގައި އަލިފާންރޯވީ ދުންފަތުގެ އިސްތިއުމާލު ކުރަންހުރި މީހެއްގެ ސަބަބުން – މަންޒަރުދުށްމީހުން

ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާންގަނޑަކީ އެސަރަޙައްދުގައި އެވަގުތު ދުންފަތުގެ އިސްތިޢުމާލު ކުރަންހުރި މީހެއްގެ ސިގިރެޓުން ރޯވި އަލިފާންގަޑެއްކަމަށް ލަފާކުރެވޭކަމަށް އެމަންޒަރު ދުށް މީހުން ބުނެފިއެވެ.

މަންޒަރު ދުށް މީހެއް ބައެއް މީޑިއާތަކަށް ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. ތެޔޮ ބައުޒަރުގެ ހޮޅީގެ މެދުގައި ރޯވި ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި ހޮޅީގެ މެދުގައި ރޯވާން ދިމާވީ ސިނގިރޭޓެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އެ ބައުޒަރުގައި ރޯވުމުން ދެން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެހެން ތެޔޮ ބައުޒަރުތަކަށް އަލިފާންގަނޑު ފެތުރި، އެ އުޅަނދުތަކުގައި ވަނީ ރޯވެފައެވެ.

އެ ލޯންޗު ރޯވެފައިވާއިރު ލޯންޗުގެ ބޮޑުބައެއް ވަނީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ޖުމްލަ 4 ތެޔޮ ބައުޒަރުގައި ރޯވެފައިވާއިރު އެ ތެޔޮ ބައުޒަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

މި ހާދިސާގައި ޖުމްލަ 8 މީހަކު ފިހިފައިވާއިރު އެ 8 ފިރިހެންނަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ސަރަހައްދަށް ވަޑައިގެން އެމްއެންޑީފްގެ ޓީމާ މުހާތަބު ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރެއްވީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ މިކަން ބޮޑު ކާރިސާއަކަށް ބަދަލުވެގެން ދިޔައީސް ކަމަށެވެ. އަދި މިކަހަލަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވަނީ ވަޑައިގެންފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް 03:40 ހާއިރު ލިބިފައިވާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 05:09 ހާއިރުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close