ޚަބަރު

ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޤައުމުގެ ރީތިކަމާއި ދިވެހިންގެ މެހުމާންދާރީގެ ސަބަބުން – ނައިބުރައީސް

 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޤައުމުގެ ރީތިކަމާއި ދިވެހިރައްޔިތުންގެ މެހުމާންދާރީގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޖޮބް ފެއަރއަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ފެއަރގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކޮށް އެސްޓޯލްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތްތައް ބައްލަވާލައްވާފައެވެ.

މި ޒިޔާރާތުގައި ވާހަކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ ރާއްޖެއަކީ ޤުދުރަތީގޮތުން ރީތި ޤައުމެއްކަން ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފެހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ނައިބްރައީސް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ގިނަ ޢަދަދެއްގެ ދިވެހިންނަށް ރިސޯޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވާނެކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޖޮބް ފެއަރ ކުރިއަށްދާނީ މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ދެވަނަ ފިޔަވަހީ ފަރުކޮޅުފުށީގައެވެ. މި ޖޮބްފެއަރގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓް ބްރޭންޑްތަކުން ބައިވެރިވެއެވެ. 3 ދުވަހުގެ މި ޙަރަކާތުން އެކަނިވެސް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިޙަރަކާތުގެ ތެރެއިން 350 ވަޒީފާގެ އިންޓަރވިއު ކުރިއަށްދާނެކަންވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close