ވާހަކަ މާރަނގަ

މާރަނގަ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންގެ ވާހަކަ 35

ފަޅުރަށެއްގައި ހުރި ކުޑަ ގަހެއްގައި މާރަނގައެއް ބިސްއަޅައިގެން ދިރިއުޅެމުން ގެންދެއެވެ. ހަފްތާއެއް ފަހުން އެ ބިސްތައް ފަޅައިގެން ގޮސް ލޯބިލޯބި ކުޑަ ދެ މާރަނގަ ވިހައިފިއެވެ. މަންމަ މާރަނގަ ކޮންމެ ދުވަހަކުވެސް ދަރިންތަކަށް ކާނާ ގޮތުގައި ކުދި މަސް ގެނެސްދެއެވެ. މިސޮރުމެން އުފަލުންތިބެ މަސްތައް ކަމުން ދެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ކުދި މާރަނގަތަކަށް އުދެހެވޭ ވަރަށް ބޮޑުވެއްޖެއެވެ. މިހާރު މަންމަގެ އެހީއާއި ނުލާވެސް އެސޮރުމެންނަށް އުދުހި އުޅެވެއެވެ. ކޮންމެ ދުވަހަކުވެސް މަންމަ އާއި ބައްޕަ، ބޭބެ އަދި ކޮއްކޮ އެކީގައި މަސްހޯދުމަށް ނިކުމެއެވެ. މިދޫނިތައް ކާހިތްވަނީ މަސްވެރިން ކަނޑަށް އުކާ އެން މަހެވެ. މިހެންގޮސް އުޅުމުގެ ތެރޭގައި ކޮއްކޮ މާރަނގައަށް އެކުވެރިންތަކެއް ލިބުނެވެ. މިއެކުވެރިންތަކާއި އެކު ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރަމުން ދެއެވެ.

ފޯރިއާއެކު މަސްކެއުމުގައި ކޮއްކޮ މާރަނގަ މަސްއޮޑިއާއި  މާ ކައިރިޔަށް ދާން ފަށަފިއެވެ. މިކަން މަންމައަށް އެނގިގެން މަސްއޮޑިއާއި ކައިރިނުވުމަށް ނަޞޭހަތްތެރިވިއެވެ. މަންމަ: “ދަރިފުޅާ! މަސްއޮޑިއާއި އެހާ ކައިރިނުވޭ! އެންކެޔޮޅު ދަރިފުޅު ހިފައިފާނެ”.

ކޮއްކޮ: ” އަޅުގަނޑުމެންނަކީ ހިމާޔަތް ކުރެވިފައިވާ ބައެއްނޫންތަ؟ އެހެންވީމާ ހިފާކަށް ނުކެރޭނެ”.

މަންމަގެ ބަސްނާހާ، އޭގެ އަނެއް ދުވަހުވެސް އެކަން ތަކުރާރު ކުރިއެވެ. އެންކެޔޮޅު އެއްލި މަހެއް ކާލަން ދިޔަވަގުތު ކުއްލިއަކަށް ދަލެއްގައި ޖެހުނެވެ. ކޮއްކޮ މާރަނގައަށް ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން ވަރަށް ދެރަވިއެވެ. އަދި ސަލާމަތަށް އެދި ގޮވަން ފެށިއެވެ.

މަންމައަށް މިއަޑު އިވުނެވެ. ނަމަވެސް މަންމައަށް ސަލާމަތްކުރެވޭނެ ގޮތެއް ނެތެވެ. ކެޔޮޅު ދޫނި ހައްޔަރު ކުރިއެވެ. މަންމަ މިކަމާއި ނުހަނު ހިތާމަ ކުރިއެވެ. މާރަނގަ ދޫނި ކުޑަކުޑަ އަނދިރި ފޮއްޓެއްގައި ހައްޔަރުވިއެވެ. އަލިކަމެއްވަނީ ހަމައެކަނި ފޮށީގައި އިން ކުޑަ ލޯވަޅަކުންނެވެ. ދޫނި ހިތަށް އެރިއެވެ. ” މަންމަ ބުނި ބަސް އެހުނުނަމަ މިހެން ނުވީހެ”. ފޮށީގައި އިންއިރު ދޫނި ބަނޑުހައި ވިއެވެ. އަދި ފެންފޮދެއްވެސް ބޯލަން ބޭނުންވިއެވެ.

ނަމަވެސް މިއިން އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނުވިއެވެ. ކުޑަ ލޯވަޅުން ދޫނި ބޭރު ބަލައިލިއިރު އެހެން ދޫނިތައް އުދުހޭތަން ފެނުމުން ވަރަށް ދެރަވިއެވެ. އެންކެޔޮޅު މާރަނގަ އިން ފޮށިގަނޑު ގެއަށް ގެންދިޔައެވެ. އަދި އޭނާގެ ދަރިފުޅު ގެނެސް އެއްކަލަ ފޮށިގަނޑު ހުޅުވާލިއެވެ. ކުއްލިއަކަށް ދޫނީގެ ފިޔަގަނޑުގައި ކުޑަކުއްޖާ ހިފިއެވެ. އަދި މަޑުމަޑުން ދޫނި ފޮށިގަނޑުން ނެނގިއެވެ.

ކުޑަކުއްޖާ: “ބައްޕާ! މީ ހާދަ ރީތި ދޫންޏެކޭ! މީ ކޮންކަހަލަ ދޫންޏެއްތަ؟”.

ބައްޕަ: “މިއީ ބައްޕަ ދަރިފުޅަށް ގެނެސްދިން މާރަނގައެއް”.

ކުޑަކުއްޖާ: “މާރަނގައެކޭ ތޯ! ބައްޕައަށް އެނގިނުލައްވާތޯ ތިޔައީ ހިފުން މަނާ ދޫންޏެއްކަން”.

ދަރިފުޅު މިހެން ބުނުމުން މިކުރެވުނީ ގޯސް ކަމެއްކަން ވިސްނި ދޫނި ދޫކޮށްލިއެވެ. މާރަނގަ ވަރަށް އުފަލުން އުދުހިގެން އެސޮރުގެ ގެއަށް ދިޔައެވެ. ގެއަށްގޮސް މަންމައާއި ބައްޕައާއި އަދި ބޭބެގެ ކިބައިން މާފަށް އެދި އުފަލުގައި އުޅުނެވެ. އަދި އޭގެ ފަހުން މާރަނގަ މަސްއޮޑިފަހަރާއި އެހާ ކައިރީގައި ނޫޅެއެވެ.

ވާހަކައިގެ ޢިބުރަތް: މައިންބަފައިންގެ ބަސް އަހަފިނަމަ ގެއްލުމެއް ނުވަތަ ދެރައެއް ނުލިބޭނެކަން

ވާހަކަ ކިޔުމަށްފަހު ތިރީގައިވާ ހަރަކާތްތައް ފުރިހަމަ ކުރާށެވެ.

ހަރަކާތް 1 (ތިރީގައިވާ ބަސްތަކާއި އޭގެ މާނަ އާއި ދީފައިވާ ތާވަލު ބޭނުންކޮށްގެން ގުޅުވާށެވެ.)

1 ހިމާޔަތް ހ މަސްއައިނަށް އެން އުކާ މީހާ
2 މަސްއައިން ށ ބަންދުކުރުން
3 އެން ނ ރައްކާތެރިކުރުން ނުވަތަ ސަލާމަތްކުރުން
4 ހައްޔަރުކުރުން ރ ކަނޑުގައި އުޅޭމަސް ބައިގަނޑެއް
5 އެންކެޔޮޅު ބ މަސްބޭނުމަށް ބޭނުންކުރާ ކުދި މަސް
1 2 3 4 5
         

ހަރަކާތް 2 ( ތިރީގައިވާ އިބުރަތްތަކުން މި ވާހަކައާއި އެންމެ ގުޅޭ އިބުރަތުގައި ރަނގަޅު ފާހަގަ ލާށެވެ. )

  1. ހެއްލުމަކީ ގެއްލުމެކެވެ.
  2. މައިންބަފައިންގެ ބަސްނޭހުމުން ކޮންމެފަދަ ދެރަކަމެއްވެސް ދިމާވެދާނެއެވެ.
  3. ނުލިބޭހައި އެއްޗަކީ ނުބައި އެއްޗެއްނޫނެވެ.

ހަރަކާތް 3 (ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ.)

  1. މާރަނގައަކީ ކޮން ކަހަލަ ދޫންޏެއްތަ؟
  2. މަންމަ މާރަނގަ ކޮންމެ ދުވަހަކު ކުދި މާރަނގައަށް ކާންދެނީ ކޮއްޗެއް؟
  3. މަންމަ މާރަނގަ ދިން ނަޞޭހަތް ގަބޫލު ނުކުރުމުން ކަންތައްވީ ކިހިނެތް؟
  4. އެންކެޔޮޅު މާރަނގަ އޭނާގެ ގެއަށް ގެންދިޔައީ ކީއްކުރަން؟
  5. އެންމެފަހުން މާރަނގަ ސަލާމަތްވަނީ ކިހިނެތްވެގެން؟

ހަރަކާތްތަކުގެ ރަނގަޅު ޖަވާބުތައް:

(ހަރަކާތް 1)

1 2 3 4 5
ނ ރ ބ ށ ހ

(ހަރަކާތް 2)

ޖަވާބު: 2  މައިންބަފައިންގެ ބަސްނޭހުމުން ކޮންމެފަދަ ދެރަކަމެއްވެސް ދިމާވެދާނެއެވެ.

(ހަރަކާތް 3)

  1. މާރަނގައަކީ ކަނޑުމަތީގައި އުޅޭ ހިމާޔަތް ކުރެވިފައިވާ ދޫންޏެކެވެ،
  2. ކުދިމަސް މަހެވެ.
  3. ކުޑަމާރަނގަ އެންކެޔޮޅު ހިފާ ހައްޔަރުކުރީއެވެ.
  4. އެންކެޔޮޅުގެ ދަރިފުޅަށް ދިނުމަށެވެ.
  5. ދަރިފުޅަށް އެއީ ހިމާޔަތް ކުރެވިފައިވާ ދޫންޏެއްކަން އެނގުމުން ބައްޕަކައިރީ ދޫނި ދޫކޮށްލުމަށް އެދުނީމައެވެ.

ނޯޓް: މިއީ 2015 ވަނަ އަހަރު  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ނ. އަތޮޅު ސްކޫލުތަކުގެ ދިވެހި ލިޔަން ކިޔަން ދަސްކޮށްދިނުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމަށް ޕްރީސްކޫލް އަދި ޕްރައިމަރީ ޓީޗަރުންނަށް އަމާޒުކޮށްގެން ނ.އަތޮޅު ކުޑަފަރީގައި ބޭއްވި ވޯކްޝޮޕުގައި ތައްޔާރުކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައަކީ 6 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ވާހަކައެކެވެ. މި ވާހަކަ ލިޔުމުގައި އެހީތެރިވެދެއްވި ހުރިހާ ޓީޗަރުންނަށް ވަރަށް ބޮަޑަށް ޝުކުރު ދަންނަވަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.