ޚަބަރު

ރައީސް ޔާމީނާދެކޮޅަށް އަދީބު މިއަދު ހެކިބަސްދޭއިރު ލުޠުފީ ހެކިބަސް ނުދޭނެ

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން ދައުވާގެ މައްސަލާގައި މިއަދު އޮންނަ އަޑު އެހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހެކިބަސް ދެއްވާގޮތަށް ހަމަޖެހިފައިވާއިރު އެމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ލުޠުފީ ހެކިބަހެއް ނުދެއްވާނެއެވެ. ނަމަވެސް އޭސީސީގެ މިހާރުގެ ރައިސް މުއައްވިޒުގެ ހެކިބަސްވެސް މިއަދު ނަގާނެއެވެ.

އޭސީސީގެ ކުރީގެ ރައިސް ލުތުފީ ވިދާޅުވީ ޢަދުލުވެރި އިންސާފުވެރި ހެކިބަހެއް ދެވޭނެ މާހައުލެއް ނެތްކަމަށާއި އޭނާ އެމައްސަލާގައި ހެކިބަސްދީފިނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށެވެ. އަދި ސަރުކާރުގެ އިސް ނުފޫޒު ގަދަ ބައެއް ބޭފުޅުން އޭނާއަށް ވަކިގޮތަކަށް ހެކިބަސް ދިނުމަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

އަހްމަދު އަދީބަކީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅު ހެއްކެއްގެ ގޮތުގައި ހުށަހަޅާ ހެއްކެކެވެ. މިއަދު ފުރަތަމަ އޮންނާނީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނެގުމެވެ. އޭނާގެ ހެކިބަސް ކުރިން ބޭޢްވި އަޑު އެހުމުގައި ވެސް ވަނީ ނަގާފައެވެ. އެއަށް ފަހު ދެން އޮންނާނީ އަދީބުގެ ހެކިބަސް ނެގުން ކަމަށް މައުލޫމާތު ލިބެއެވެ.

ދައުލަތުން ރައީސް ޔާމީނަށް ދައުވާ ކުރަނީ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފް ޕްރްއިވެޓް ލިމިޓެޑުން 1 މިލިޔަން ޑޮލަރު ޖަމާ ކުރުމާއި ގުޅިގެން، އެ ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމަށާއި އެދި އެ ފައިސާގެ އަސްލު އޮޅުވާލަން ރައީސް ޔާމީން އުޅުއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ކުރިން ބޭއްވި އަޑު އެހުމުގައި، އޭސީސީގެ ރައީސް މުއައްވިޒު ވަނީ އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ އެއްކަން ކަނޑަނޭޅޭކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓަކަށް ޖަމާ ކުރުން އެއީ ޤާނޫނީގޮތުން މަނާ ކަމެއް ނޫންކަމުގައި ވެސް މުއައްވިޒު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި އަދީބުގެ ހެކިބަސް ނަގަން ނިންމާފައިވާ އިރު ދައުލަތުން އަދީބު ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން ރައީސް ޔާމީން ގެ ފަރާތުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެމަނިކުފާނުގެ ވަކީލުން ވިދާޅުވި ގޮތުގައި އަދީބު ރައީސް ޔާމީނާއި ދޭތެރޭ ޒާތީ ނަފްރަތާއި ރުޅިވެރިކަން އޮންނާނެ ކަމަށާއި އެހެން ކަމުން އަދުލުވެރި ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. ނަމަވެސް ގާޒީވަނީ އަދީބުގެ ހެކިބަސް ނަގަން ނިންމާފައެވެ.

އަދީބު ވަނީ މީގެ 3 ހަފްތާ ކުރިން ރާއްޖެ ދޫކޮށް ފިލައިގެން އިންޑިޔާއަށް އެތެރެވާން މަސައްކަތް ކޮށްފައެވެ. އަދި އިންޑިޔާގެ ހިމާޔަތަށް ވެސް އެދުނެވެ. ސަބަބެއް ކަމުގައި އަދީބު ވިދާޅުވީ ސަރުކާރުގެ އެކި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި ވަކި ގޮތަކަށް ހެކިބަސް ދޭން މަޖުބޫރު ކުރުވަމުން ދާކަމަށެވެ.

އަދީބު އިންޑިޔާއަށް އެތެރެވިޔަ ނުދީ އެ ޤައުމުން ވަނީ އަނބުރާ އަދީބު ރާއްޖޭގެ ފުލުހުންނާއި ހަވާލުކޮށްފައެވެ. އޭގެ ފަހުން އަދީބުގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގެ މަޖްލީހުގައި އަދީބުވަނީ އޭނާގެ ސިކުނޑީގެ އަދި ނަފްސާނީ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close