އޯގާތެރި ކަމާއެކު!
ލިޔުނީ : މުޙައްމަދު މައިޝަން
އަހަރެމެން ދިވެހިން، ޒަމާނުއްސުރެ ދައްކަމުން އައީ އެންމެ ރީތި އެއް ސިފައަކީ އޯގާތެރިކަމެވެ. އަހަރެމެންގެ ކާބަފައިން އަހަރެމެނަށް ގެނެސްދިން ހަދިޔާ ތަކުގެ ތެރެއިން އެއް ކަމެވެ. އިސްލާމްދީނުގެ ކަނޑުން ފެނުނު ޚަޒާނާއެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ އެކަމުގައި އަމިއްލަ ފުޅަށް ނަމޫނާ ދެއްކެވި ކަމެކެވެ.
ނިކަން އެކަލޭގެފާނުގެ ސީރަތަށް ބަލާލަމާ ހިނގާށެވެ. އެކަލޭގެ ފާނަކީ ކުޑަކުދިންނަށް އޯގާތެރިވުމުގައި ނަމޫނާ ބޭކަލެކެވެ. ޚުދު އެކަލޭގެފާނުގެ ކާފަ ދަރިކަލުންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. އަނބިއަނބިކަނބަލުންނަށް އޯގަތެރި، ގެންގުޅުއްވާ ޚާދިމުންނަށް އާދަޔާ ޚިލާފަށް އަޅާލުން ބަހައްޓަވާ ބޭކަލެކެވެ.
އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަކީވެސް އެކަލާގެފަނުގެ ކިބައިން މިފަދަ ކަންކަމުގައި އެދުރުވެ ވަޑައިގެން އެކަލޭގެފާނު ހިންގެވި މަގުން ހިންގެވި ބޭކަލުންނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެ އެއްބޭކަލަކީ أبو هريرة رضي الله عنه އެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ عبد الرحمان بن صخر އެވެ. ނަމަވެސް އެކަލެގެފާނު ބުޅަލަށް ބަހައްޓަވާ ލޯތްބެއްގެ ބޮޑު ކަމުން أبو هريرة ގެ ނަމުން ނަން ދެވުނީއެވެ.
ހަނގުރާމައިގެ މައިދާނުގައިވެސް އެބޭކަލުން ކަންތައް ކުރެއްވީ މިހެންނެވެ. ކީރިތި ރަސޫލާ صلي الله عليه وسلم ގެ އިރުޝާދުގެ މަތިން މުސްކުޅިއެއް، ކުޑަކުއްޖެއް، އަންހެނެއް އަދި އަޅުކަން ކުރަން އިން މީހަކުވެސް ޤަތުލެއް ނުކުރައްވައެވެ. އަދި އެއްވެސް ޖަނަވާރަކަށް ގެއްލުމެއް ނުދިނުމާއި ހަނގުރާމައިގެ މަތީގައި އެއްވެސް ގަހެއް ނުކެނޑުމަކީވެސް އެބޭކަލުންގެ ހިތުގައި އޮތް އޯގާތެރިކަމުގެ ނުހަނު ރިވެތި ނަމޫނާ އެކެވެ.
ނަމަވެސް މިހާރު މިމުޖުތަމަޢުގައި ކަންތައް ވަމުން ދަނީ މިހެން ތޯއެވެ؟ މިއީ އަޅުގަނޑުމެނަށް ކަންކުރެވޭ ގޮތް ބާއެވެ؟ މިއީ މިއަދު އަޅުގަނޑުމެން ކޮއްލަން ޖެހޭ ސުވާލެކެވެ. ޖަވާބު ވަރަށް ސާފެވެ. ދުނިޔޭގެ ލޮލުގައި އަނދުނެއް އަޅުވާލުމަށް އޯގާތެރިކަމުގެ ކުޑަ ޢަމަލެއް ކޮއްލަފާނެއެވެ. ޕޯސްޓެއް ޝެއަރ ކޮއްލަފާނެއެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ދުޢާއަކަށް އާމީން ކޮމެންޓެއް ކޮށްލަފާނެއެވެ. ނަމަވެސް ގިނަ ފަހަރަށް މިއީ ދައްކާލާ ދަޅައެކެވެ.
ޙަޤީޤަތަކީ މިހާރު މިއުޅޭ ގިނަ މީހުން އަނބި ދަރިންނަށް ހަދަނީ ހަދާނެ ގޮތެކެވެ. މަގުތައް މަތީ ސަލާން ޖަހަން މީހަކު ހިނގިއަސް އޭނަގެ ރުއިމަށް ކަންފަތެއް ދިއްކޮއްލާނީ މަދު މީހެކެވެ. ޖަނަވާރުތަކަށް ލިބެންވާ ފުރިހަމަ މިނިވަންކަން ނުދީ ކޮއްޓަށް ލައިން ބަންދު ކޮށްގެން ގެންގުޅެނީ ކިތައް މީހުން ހެއްޔެވެ؟ ފޭސްބުކްގައި ކޮށްފައިވާ ދުޢާއަކަށް އާމީން ކީ ކަމުގައި ވިޔަސް ސޫރިޔާ ފަދަ ޤައުމު ތަކުގައި ހާލުގައި ޖެހިފައިވާ ކުދިންނަށްޓަކައި ހެޔޮ ހިތުން ދުއާއެއް ކޮށްލާނީ ކިތައް މީހުން ހެއްޔެވެ؟ ގޭގައި ގެންގުޅޭ ޖަނަވާރުތަކެއް ފަދައިން ޚާދިމުން ގެންގުޅެނީ ކިތައް ގޭގައި ހެއްޔެވެ؟
އަދި ވަޤުތު ފާއުތެއް ނުވެއެވެ. މިއީ މީގެ 800 ވަރަކަށް އަހަރު ކުރިން އުޅުނު ދިވެހިންގެ ލެއެވެ. މީގެ 1400 ވަރަކަށް އަހަރު ކުރިން ފާޅުވި ހިދާއީ ނޫރުގައި ހިފައިން ތިބި ބައެކެވެ. އޭރުގެ މީހުން ތަބާވި ގޮތްތަކަކަށް ތަބާވާ ބައެކެވެ. އޭރުގެ މީހުންވަނީ މިކަންކަމަށް މަގު ދައްކަވާފައެވެ. އޯގާތެރި ކަމާއެކުއެވެ. އެމަގުން ހިނގަމާ ހިނގާށެވެ.
Furihama Gaboolukuranvx dhathi