ދީން

ހުކުރުނަމާދަށް އަވަހަށް ދިޔުން – ގަދަވެގެންވާ ސުންނަތެއް

ހުކުރުދުވަހުގެ މާތްކަމާއި، އެދުވަހުގެ ބަރަކާތްތެރިކަމަކީ ހަފްތާގެ އެހެން ދުވަސްތަކަކަށްވުރެ އެތައް ގުނައަކުން މަތިވެރިވެގެންވާ ކަމެކެވެ. އަދި ހުކުރުދުވަހު އަވަހަށް ހުކުރަށް ދިއުމަކީ އެހާމެ މާތް މަތިވެރިކަމެކެވެ.

ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲ އާއި އެކަލާންގެ އަޅާއާއި ބޮޑަށް ކުއްތަންވެވޭނެއެވެ. އެހެނީ މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެއެވެ.

ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލާއިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.”

އެހެންރިވާޔަތެއްގައި އައިސްފައިވާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާލައްވާނެތެވެ.

ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ސާޢަތުގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ސާޢަތުގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަސާޢަތުގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ސާޢާތުގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަސާޢަތުގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ.”

އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނީ ވީހާވެސް ކުރިން މިސްކިތަށްގޮސް ހުކުރުދުވަހުގެ ފުރިހަމަ ސަވާބާއި، ދަރުމަ ފުރިހަމަ ގޮތުގައި ލިބިގަތުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close