ޖަލުގައި ހިނގި ހަމަނުޖެހުމަކީ ޖަލުގެ ޤަވާޢިދު އިޞްލާހު ނުވެގެން ވީކަމެއް ނޫން – ކޮމިޝަނަރ އޮފް ޕްރިޒަންސް
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަކީ ޖަލުގެ ޤަވާޢިދު އިޞްލާހު ނުވެގެން ހިނގި ހަމަނުޖެހުމެއް ނޫންކަމަށާއި، ޖަލުގެ ޙާލަތު ގޯސްވާން މެދުވެރިވީ ޖަލުގައިހަދާފައިވާ ޤަވާއިދާ ޚިލާފަށް ޖަލުގެ އޮފިޝަލުން ޢަމަލުކުރުމުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އެކުލެވޭގޮތަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ޙާޒިރުކޮށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. މި ބައްދަލުވުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރަށުގައި ނޫޅުއްވާތީ ވަޑައިނުގަންނަވައެވެ.
ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުނާޒް ވިދާޅުވީ، މާފުށީ ޖަލުގައި ހިނގދިޔަ ހަމަނުޖެހުންތަކުގައި 6 ޤައިދީއަކަށް އަނިޔާވެފައިވާކަމަށެވެ. މިހަމަނުޖެހުން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 1745 ހާއިރުކަމަށާއި، ހާދިސާ ހިނގިކަމުގެ މަޢޫލޫމާތު ލިބުނު ވަގުތުން ފެށިގެން ފަހަރަކު ޤައިދީއަކަށް ޑޮކްޓަރަށް ދައްކާ ފަރުވާދީފައިވާކަމަށް މިނާޒް ވިދާޅުވިއެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް ޤައިދީންގެ ގައިގެ އެކިތަންތަން މަށައިގެން ދިއުމާ ނޫފައިގެން ގޮސްފައިވާކަމަށް މުނާޒް ވިދާޅުވިއެވެ. އަދި މިޙާދިސާގައި ކަރެކްޝަންގެ އޮފިސަރަށް ހަމަލާދޭން ބޭނުންކޮށްފައިވަނީ 16 އިންޗީގެ ދަނގަޑުބުރިއެއްކަމަށާ ހާދިސާއަކީ ކުއްލިއަކަށް ދިމާވިކަމެއްކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
މުނާޒް ވިދާޅުވީ، މި މައްސަލާގައި އިތުރަށް ބެލިބެލުމުން ޤައިދީންނަށް ލިބިފައިހުރި އަނިޔާއަކީ ދެޤައިދީއަކު ހުރި ގޮޅިއަކަށް ޖަލު އޮފިޝަލަކު ވަނުމުން ލިބެންވާނެ ގެއްލުމެއް ނޫންކަމަށާ، އެއީ ލިބެން ނުޖެހޭވަރުގެ ގެއްލުންތަކެއްކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ޤައިދީން އެދެމުންދާކަމަށާ، ޑޮކްޓަރަށް ދައްކައިގެން ދޭ އިރުޝާދާއެއްގޮތަށް ކުރިއަށް ގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ޖަލު ޢާންމު ޙާލަތަކަށް ގެނެވިފައިވާކަމަށްވެސް ޢަބްދުﷲ މުނާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ޤައިދީންގެ އަތުގައި ބިޑިއަޅުވާ ޕެޕަރ ސްޕްރޭޖެހިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މުނާޒް ވިދާޅުވީ، ޤައިދީންނާއި ސުވާލުކުރުމުން ބިޑިއަޅުވާފައި ޕެޕަސްޕްރޭ ނުޖަހާކަމަށް ޤައިދިން ބުނާކަމަށެވެ. މީޑިއާގައި އެދެކެވެނީ ދޮގުވާހަކަތކެއްކަން ފާހަގަކުރައްވައި މުނާޒް ވިދާޅުވީ، ގޮޅިއަށް ވަންނަމުން އޮފިސަރު ޕެޕަރ ސްޕްރޭ ޖެހިކަމަށް ޤައިދީން ބުނާކަމަށާ، ނަމަވެސް އޮފިސަރުން ގޮޅިއަށް ވަނީ ޤަވާއިދާ އެއްގޮތަށްކަމަށް ޤައިދީންވެސް ބުނާކަމަށް މުނާޒު ވިދާޅުވިއެވެ.
މުނާޒް ވިދާޅުވީ، އެމެޖެންސީ ޙާލަތުގައި ޖަލުގައި ޢަމަލުކުރާނެ ގޮތް ޤަވާއިދުގައި ލިޔެފައިވާކަމަށާ، މިޙާދިސާއަކީ ނޭގިގެން ކުރެވުނު ކަމަކުން ހިނގައިގެން އުޅޭ ކަމެއްނޫންކަމަށެވެ. އޭނާ ވިދާޅުވީ ޙާދިސާއެއް ހިނގައިފިނަމަ 24 ގަޑިއިރުގެ ތެރޭގައި ހާދިސާގެ ރިޕޯޓެއް ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ހަމައަށް ގެނަންޖެހޭކަމަށާ، ފުރަތަމަ ގެނައި ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކުރެވުނުކަމަށެވެ.
މިއީ ކުރިންވެސް ޖަލުގައި ހިނގާކަންކަންކަމަށް ވިދާޅުވެ މުނާޒް ވަނީ ސަރުކާރުގެ ވިސްނުމަކީ ކަންކަން ފޮރުވުން ނޫންކަމަށެވެ. އަދި އެކަންކަން ހާމަކޮށްގެން ނޫނީ އެ މުއައްސަސާ އިސްލާޙު ނުކުރެވޭނެކަމަށް މުނާޒް ވިދާޅުވިއެވެ. މުނާޒް ވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ކޮމިޓީއާއި ޙިއްސާކުރައްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ކުށުގެ ތުހުމަތުގައި ރިމާންޑް ޖަލުގައި ބަންދުކޮށްފައިވާ މީހުން ތިބި 4 ނަންބަރު ގޮޅޅީގައިކަމަށްވެސް މުނާޒް ވިދާޅުވި. މި މައްސަލާގައި ފާހަގަކުރެވުނު ކަންކަން ހިސްސާކުރައްވަމުން މުނާޒް ވިދާޅުވީ، އޮޕަރޭޝަނެއްގައި އެތަނަކަށްދާ ކޮމާންޑަރުގެ ބެލުމުގެ ދަށުން ބަޔަކަށް އަނިޔާވުމަކީ އެެ ކޮމާންޑަރެއް ޒިންމާ ނަގަންޖެހޭކަމެއްކަމަށެވެ. އެހެންކަމުން މި މައްސަލާގައިވެސް އަނިޔާކުރީ ކޮންބަޔަކުކަމެއް އެތަން ބަލަހައްޓާ ކޮމާންޑަރަށް ބުނެނުދެވުނުކަމަށާއި، އެހެންކަމުން އޭނާ ސަސްޕެންޑުކުރީކަމަށް ވިދާޅުވިއެވެ.
އަދި މިހާތަނަށް އަނިޔާކުރި އިތުރު ބަޔަކު ފާހަގަކުރެވިފައިނުވާކަމަށާއި ފާހަގަ ކުރެވޭ ހިސާބުން އެ އޮފިޝަލަކު މަސައްކަތުން އެއްފަރާތްކުރާނެކަމަށް ވިދާޅުވިއެވެ. ޤައިދީންގެ ބޯބޭލިކަމަށް ދެކެވޭ ވާހަކަތަކާގުޅިގެން މުނާޒް ވިދަޅުވީ، ޤައިދީންގެ ބޯބޭލުމަކީ 2015ވަނަ އަހަރު އެކުލަވާލައި ޢާންމުކޮށްފައިވާ ޤަވާއިދުގެ ދަށުން ކުރާކަމެެއްކަމަށެވެ. ނަމަވެސް މިހާދިސާއަކާ ގުޅިގެން ބޯބާލާ ތުނބުޅި ބޭލުމަކީ ގޯސްކޮށްކުރިކަމެއްކަމަށް މުނާޒް ވިދާޅުވިއެވެ.
ކުރިއަށްއޮތްތާ މިފަދަ ހާދިސާތައް ނުހިގާނެގޮތަށް އަމަލުުކުރާނަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. މި ސަރުކާރުގެ ޕޮލިސީއަކީ މީހަކު ކުށެއްކޮށްގެން ޖަލަށް އައިކަމުގައިވީނަމަވެސް އެމީހާ އެނބުރި މުޖުތަމަޢުއަށް ނިކުންނައިރު ކުރިން ހުރި ހާލަތަށްވުރެ ވިސްނުމާއި އުޅުމުމަށް ހެޔޮބަދަލުތަކެއް ގެނައުންކަމަށެވެ. ނަމަވެސް އެކަންކަން އެގޮތަށް ކުރެވޭގޮތަށް ޖަލުގެ ޢިމާރާތަކުގެ ހާލަތު ދަށްކަމަށާއި، އޮފިޝަލުންގެ ޢަދަދުވެސް މަދުކަމަށް ވިދާޅުވިއެވެ. މުނާޒް ވިދާޅުވީ، މިހާރު ޢަމަލުކުރާ އުސޫލްވެސް ބަދަލުކުރަންޖެހޭކަމަށެވެ. ކޮމިޓީގައި މީޑިއާއަށް ޢާންމު ނުކުރެވޭނެ ގިނަ ކަންކަން ހުރުމާއެކު ކޮމިޓީގެ ބައެއް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

