ޚަބަރު ތަޅުންމަތީގައި ބައިތިއްބައިގެން ނާސްތާދިން ކަންތައް މިނިސްޓްރީގެ ސަމާލުކަމަށްއައިސް ފިޔަވަޅުއަޅައިފި

ތަޅުންމަތީގައި ބައިތިއްބައިގެން ނާސްތާދިން ކަންތައް މިނިސްޓްރީގެ ސަމާލުކަމަށްއައިސް ފިޔަވަޅުއަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު އިފްތިތާޙް ކުރެވުނު ސްކޫލްތަކުގެ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގައި ކުދިން ތަޅުންމަތީގައި ބައިތިއްބައިގެން ކަރުދާސް ގަނޑެއްގައި ނާސްތާ ދިން ފަރާތްތަކާމެދު ފިޔަވަޅުއަޅާފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިޕްރޮގްރާމް ކުރިއަށްގެންދިޔަ ސްކޫލެއްގެ ދެކުލާސް ރޫމެއްގައި ދަރިވަރުންނަށް ނާސްތާ ދީފައިވަނީ ނާސްތާ ޕްރޮގްރާމްގެ އުޞޫލާ ޚިލާފަށް ކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރުން ހިންގާ މިފަދަ ޕްރޮގުރާމްތަކަށް ބެލެނިވެރިންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މި އަމަލު މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާއިރު ކާތަކެތީގެ ސާފުތާހިރުކަމަކީ އެ މިނިސްޓްރީއިން އެންމެ މުހިއްމުކަންދޭ އެއްކަން ކަމަށާ، ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް ސްކޫލުތަކުން ޢަމަލުކުރަމުންގެންދޭތޯ މިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަން ބެލެނިވެރިންނާއި ރައްޔިތުންނަށް ދޭކަމަށެވެ. އަދި މިފަދަ ޢަމަލެއް ތަކުރާރުވިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯ ތަކަކާއި ގުޅިގެން ގިނަ ބަޔަކުދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ފޮޓޯތަކުން ފެންނަނީ ކްލާސްރޫމެއްގެ މުށިގަނޑުމަތީގައި ކަރުދާސް ގަނޑެއްގެ މަތީގައި ކާތަކެތި ބަހައްޓައިގެން ތަޅުންގަނޑު މަތީގައި ތިބެ ދަރިވަރުން ހެނދުނުގެ ނާސްތާކުރާ މަންޒަރެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ދަށުން ރާޢްޖޭގެ 213 ސްކޫލުގައި 57817 ދަރިވަރުންނަށް މިއަދުނާސްތާ ދީފައިވެއެވެ.

ޓެގް

ނާސްތާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.