މާފަރު އެއަރޕޯޓްގެ ޚިދުމަތް އޮގަސްޓް މަހު ތެރޭގައި ފަށާނެ – މިނިސްޓްރީ
ނ.މާފަރު އެއަރޕޯޓާއި، ށ.ފުނަދޫއެއަރޕޯޓްގެ މަސައްކަތް ނިންމައި މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ޢާއްމު ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ ޒުހައިރު ވިދާޅުވީ ށ.ފުނަދޫ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް މުޅިން ނިމިފައިވާކަމަށެވެ. އަދި މިހާރު އެއަރޕޯޓަށް ބޭނުންވާ ފަޔަރ ލޮރީއާއި، ސްކޭން މެޝިންފަދަ ތަކެތިވެސް ހޯދާފައިވާކަމަށާއި، މިހާރު ކުރަމުންދަނީ ޓަރމިނަލްއާއި، ފަޔަރ އެންޑް ރެސްކިއު އިމާރާތުގެ ފަހުގެ މަސައްކަތްތައްކަމަށް ޒުހައިރު ވިދާޅުވިއެވެ. މި މަސައްކަތްތައް މިއަހަރު ޖުލައި މަހު މުޅިން ނިންމައި، އޮގަސްޓު މަހު އެއަރޕޯޓު އާއްމު ދަތުރުތަކަށް ބޭނުންކުރަން ފަށާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. ފުނަދޫ އެއަރޕޯޓުގައި އަޅަނީ 1200މީޓަރު ދިގު ރަންވޭއެކެވެ.
މި ދެ އެއަރޕޯޓްގެ އިތުރުން ނ.މާފަރު އެއަރޕޯޓްގެވެސް ގިނަ މަސައްކަތްތައް ނިންމައި މިހާރު ދަނީ އާއްމު ދަތުރުރައް ފަށަން ތައްޔާރުވަމުންނެވެ. މާފަރު އެއަރޕޯޓްގައިވެސް މިހާރު ކުރިއަށްދަނީ އެއަރޕޯޓަށް ބޭނުންވާ ޢިމާރާތްތައް ނިންމުގެ މަސައްކަތެވެ. މި މަސައްކަތްތަކުގެ %90 މަސައްކަތް ވަނީ ނިމިފައެވެ. މާފަރު އެއަރޕޯޓްގެ ރަމްވޭގެ މަސައްކަތްތައް ނިންމައި މިދިޔައަހަރުވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ.
2200 މީޓަރު ދިގު ރަންވޭއެއް ހިމެނޭ މި އެއަރޕޯޓު ފަރުމާކޮށްފައިވަނީ އިންޓަނޭޝަނަލށް ދަތުރުތައްވެސް ކުރެވޭ ގޮތަށެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ހަދާފައިވަނީ ދުނިޔޭގައި އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ އޭ-380 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ބައެއް މީޑިއާތަކަށް ވިދާޅުވީ އަންނަ ޖުލައި މަހު ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްވެސް މުޅިން ނިންމައި ޢާއްމު ދަތުރުތައް ފަށާނެކަމަށެވެ. މިއެއަރޕޯޓްގައި މިހާރު ކުރިއަށްދަނީ ޓަރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތެވެ. މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިމޭނެކަމަށާ، އެއާއެކު ޖުލައި މަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޢާއްމު ދަތުރުތައް ފަށާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއަރޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކުއެވެ. މިއެއަރޕޯޓް މިދިޔަ އަހަރު ހުޅުވި ނަމަވެސް ބޭނުންވާ ވަސީލަތްތައް ހަމަނުވުމުގެ ސަބަބުން އާއްމު ދަތުރުތައް މިހާތަނަށް ފެށިފައެއް ނުވެއެވެ.
މި ތިން އެއަރޕޯޓްގެ އިތުރުން މާވަރުލު އެއަރޕޯޓާއި، މަޑިވަރު އެއަރޕޯޓްގެ މަސައްކަތްތައް ނިންމައި މިއަހަރު ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

