ޔޫތު މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އަޙްމަދު މަހުލޫފު މިއަދު ލަންދޫގެ ޒުވާނުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ލަންދޫ އެމް.ޑީ.ޕީ ޖަގަހަ ކުރިމަތީގައި އޮތް މި ކުޑަ ބައްދަލުވުމުގައި ލަންދޫ ޒުވާނުންގެ ހުރި ކަންބޮޑުވުންތައްވަނީ މިނިސްޓަރ މަހުލޫފުއާއި ޙިއްޞާ ކުރައްވާފައެވެ.
އެގޮތުން ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެންމެ ކަންބޮޑުވާކަމެއްގެ ގޮތުގައި މިހާރު އޮތްކަމަކީ ހެދިފައިވާ ފުޓްސަލް ދަނޑު އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވޭ މައްސަލަކަމުގައެވެ. އަދި މީގެ އިތުރުން ޒުވާނުން އެއްވެލައިގެން ތިބެވޭކަހަލަ ތަނެއް، (ޔޫތު ސެންޓަރެއް) ނެތުމުގެ ސަބަބުން ޒުވާނުން ރަށު ތެރޭގައި ކޯޅި ކޯޅި ހަދައިގެން ތިބެން ޖެހުމުގެ ސަބަބުން ޒުވާނުންގެ މެދުގައި އަސްލު އޮންނަންވާ އެކުވެރިކަމުގެ ގުޅުން ނޯންނަކަން އެޒުވާނާ ފާހަގަ ކުރިއެވެ.
އިތުރަށް ވާހަކަ ދައްކަމުން އެޒުވާނާ ފާހަގަކޮށްފައިވަނީ ރަށުގައި ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ހެދިފައިވާ ޗޭންޖިންގ ރޫމުގައިވެސް އެއްވެސް ކަހަލަ އެއްޗެއް ބެހެއްޓިފައި ނުވާކަމަށެވެ. އެތަނުގައި ހުރީ ހަތަރުފާރުކަމަށާއި އެތަނަށް ބޭނުންވާ އާލާތްތައް ހޯދާދިނުމަކީ މިނިސްޓަރގެ އަރިހުން ވަރަށްއެދިލައްވާ ކަމެއްކަމުގައެވެ.
މީގެ އިތުރުން ވާހަކަ ދެއްކި އިތުރު ޒުވާނަކު ބުނީ ލަންދޫގައި ކުޅިވަރު ކުޅޭނެ ވަރަށް ގިނަ ތަންތަން ހެދިފައިވާކަމަށާއި އެތަންތަން އެދެވޭގޮތެއްގައި ބޭނުން ނުކުރެވޭކަމަށެވެ. އަދި އެދެވޭ ގޮތުގައި ބޭނުން ނުކުރެވެނީވެސް އަސްލު ޙަޤީޤަތުގައި އެތަންތަން ހަދަން ޖެހޭ ފެންވަރަށް ނުހެދުމުން ކަމަށް އެ ޒުވާނާ ފާހަގަ ކުރިއެވެ. އެކަމަށް ބާރުދިނުމުގެ ގޮތުން އެ ޒުވާނާ ބުނީ ރަށުގައި ބަށި ކޯޓެއް ހެދިފައިވާ ކަމަށާއި އެހެންނަމަވެސް ރަށު ފެންވަރުގައި ބަށި މުބާރާތެއް ބޭއްވިޔަސް ފެނިގެންދަނީ އަލުން ބަށިކޯޓެއް އެހެންތާކު ވަގުތީ ގޮތުން ހަދައިގެން މުބާރާތް ބާއްވަމުންދާތަން ކަމަށެވެ.
ޒުވާނުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ފުޓްސަލްދަނޑުގެ ކަންތަކާއި އަދި ޔޫތު ސެންޓަރެއްގެ ކަންތަކާއި ވަރަށްބޮޑަށް އުޅެދެއްވާނެކަމަށެވެ.
މިނިސްޓަރގެ ބައްދަލުވުމަށްފަހު މިނިސްޓަރވަނީ ރަށުގައި ކުޅިވަރު ކުޅުމަށް ހެދިފައިވާ ތަންތަން ބައްލަވާލައްވާފައެވެ. ހަވީރުގެ ވަގުތުގައި ޔޫ.ޓޫ.ޖޭ ޙަރަކާތްތައް ކުރިޔަށްދިޔަވަގުތު އެކުދިންނާއިއެކުވެސް މިނިސްޓަރ މަހުލޫފުވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
މީގެ އިތުރުން ޔޫތު ސެންޓަރެއް ދާދި ފަސޭހައިން ހެދިދާނެކަމަށް ޒުވާނުން ފާހަގަކުރި ލަންދޫ ކުރީގެ ބާ އިންޖީނުގެ ޢިމާރާތްވެސްވަނީ ޔޫތު މިނިސްޓަރ ބައްލަވާ ލައްވާފައެވެ.
މިނިސްޓަރ މިއަދު ލަންދޫއަށް ކުރެއްވި ދަތުރުފުޅަކީ ކެމްޕެއިން ދަތުރުފުޅެއްކަންވެސް މިނިސްޓަރވަނީ ފާހަގަ ކުރައްވާފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...