ޚަބަރު

އަޅުގަނޑުވީ ވަޢުދެއް އެއީ ކަރަންޓުގެ އަގު ހެޔޮކޮށްދިނުން، ވަރަށްއަވަހަށް ހެޔޮކުރާނަން – ރައީސް

ރަށްރަށުގެ ކަރަންޓު އަގުބޮޑުވެގެން އެވާހަކަ ރިޔާސީ އިންތިޚާބުގެ ތެރެއިން ވަރަށް ބޮޑަށް ދެކެވުނުކަމަށާއި، ކަރަންޓުގެ އަގު ހެޔޮކޮށްދިނުންއެއީ ރައީސް ޞޯލިޙްގެ ރިޔާސީ ވަޢުދުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަތޮޅުތަކަށް އެމަނިކުފާނު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ށ. ކޮމަންޑޫގައި އެމް.ޑީ.ޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވޭތުވެދިޔަ ހަފްތާތެރޭގައި ސްޓެލްކޯއާއި ފެނަކައާއި އެކީގައި ރައީސް އޮފީހުން ވަނީ ބައްދަލުވުމެއް އެކަމާބެހޭގޮތުން ބާއްވާފައިކަމަށާއި، ކަރަންޓުގެ އަގު ކުޑަކުރުމަށްޓަކާ އެކުލަވާލާފައިވާ ސިޔާސަތެއް އެމުވައްސަސާތަކުން ރައީސާއި، ހިއްސާކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި  އިރާދަކުރެއްވިއްޔާ އެކަމާބެހޭ ދެވަނަ ބައްދަލުވުމެއް ބޭއްވި، ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ކަރަންޓުގެ އަގަށް ދާދި އަވަހަށް ގެނެވިގެންދާނެކަމަށްވެސް އެޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކަރަންޓުގެ އަގުހެޔޮކުރުމަކީ ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންނާއި ގުޅުންހުރި ތަފާތުކަންކަމާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމާއި، މަތީ ތަޢުލީމަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ޑީސަލާއި، ދަނޑުވެރިކަމުގެ މަސައްކަތަށް އެތެރެކުރެވޭ ތަކެތީގެ ޑިއުޓީ ކުޑަކުރުން ފަދަ ކަންކަން ކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ ތަރައްޤީކުރުމުގައި ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ރަށްތަކަށް ބާރުތައް ދޫކޮށްލުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close