ކަރަންޓުގެ އަގު އަނެއްކާވެސް ހެޔޮ ކުރަނީ
ކަރަންޓްގެ އަގު އަނެއްކާވެސް ހެޔޮކުރަން ސަރުކާރުން ނިންމާ މި މަހުގެ 28ވަނަ ދުވަހުގެ ކުރިން ޢަމަލީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. އެންމެފަހުން ކަރަންޓްގެ އަގުހެޔޮ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.
މިއަހަރުގެ ބަޖެޓްގައި ކަރަންޓްގެ އަގުހެޔޮކުރުމަށް ފައިސާ ހިމަނާފައިވާއިރު ، ކަރަންޓުގެ އަގު ހެޔޮކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމާއި ގުޅޭ މަޝްވަރާތަކާއި ސަރވޭތައް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮކުރުމަށް އެކުލަވާލި ފައިނަލް ޑްރާފްޓް މިއަދު ރައީސް އޮފީހަށް ފޮނުވާނެ ކަމަށެވެ.
އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ހުރިހާ އިދާރާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި، މިނިސްޓްރީ އޮފް އެންވާރަމެންޓާއި، ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީން ވަނީ މި މަޝްވަރާތަކުގައި ބައިވެރިވެފައެވެ.
ކަރަންޓުގެ އަގު ކުޑަކުރުމަށް ކަނޑައަޅާފައިވަ މިންވަރެއް އަދި މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ. އަޙްމަދް އަލީ ވިދާޅުވީ މިނިސްޓްރީއިން އެކުލަވާލި ޑްރާފްޓް، ރައީސަށް ހުށަހަޅާ އަގުތައް ފައިނަލް ކުރުމަށްފަހު، ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި އަގުތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ވަނީ ކަނޑާލައިފައެވެ. އަދި މިއަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ
