ޚަބަރު ޔޫ ޓޫ ޖޭ ފިއެސްޓަރ 2019 ގެ ނެޓްބޯޅަ ޙަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ޔޫ ޓޫ ޖޭ ފިއެސްޓަރ 2019 ގެ ނެޓްބޯޅަ ޙަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ. ލަންދޫގެ ޔޫޓޫޖޭ އެކަޑަމީގެ ފަރާތުން ކުރިއަށްގެންދިޔަ “ޔޫޓޫޖޭ ނެޓްބޯޅަ ފިއެސްޓާ” ގެ ހަރަކާތްތައް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މި ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ލަންދޫ ސްޕޯޓްސް އެރީނާގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނ.މާޅެންދޫ ތަހުމީނާ އަބުދުއްސަމަދެވެ. މީގެ އިތުރުންވެސް އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނާއި ލަންދޫ ކައުންސިލްގެ 3 މެމްބަރުން ބައިވެރިވެ ލެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން ފިއެސްޓާގެ ލެވެލް 1 ގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. ފިއެސްޓާގެ ލެވެލް އެކެއް ޕްރީ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްފައިވާއިރު ލެވެލް ދޭއް ހާއްސަކޮށްފައިވަނީ ގްރޭޑް އެކެއް، ދޭއް އަދި ތިނެއްގެ ކުދިންނަށެވެ. ލެވެލް ތިނެއްގައި ހިމެނޭނީ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ލެވެލް ދޭއް އެކިއެކި މަގާމްތައް ހޮވައި އެ ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. ޓޮރޮފީތައް ހަވާލުކޮށްދެއްވީ ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން އަބުދުލް ޣަނީ އާއި ޒޯން އެސް ގެ މެނޭޖަރ އައިޝަތު ޝިފާޒާއެވެ. ލެވެލް ދެއަކުން އެންމެ މޮޅު ފަސްކުޅުންތެރިންނަކީ މަރިޔަމް ސިނާތާއި މަރިޔަމް އިމްޝާ އާއިހައްވާ އިމްނާ އާއި ފާތުމަތު ސުހާ އަދި މަރިޔަމް ސިނާތު އެވެ.

ލެވެލް 3 ގެ މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓްތައް ހަވާލުކޮށް ދެއްވި މާޅެންދޫ ސުކޫލުގެ ސްޕޯޓްސް ސްޕަވައިޒަރ އާއި ލަންދޫ ކައުންސިލް މެމްބަރ އަލްފާޟިލް އަބުދުއްﷲ އާރިފެވެ. ލެވެލް ތިނަކުން އެންމެ މޮޅު ފަސްކުޅުންތެރިންނަކީ އައިޝަތު ރިސްމީ އާއި ފާތުމަތު މީޝަމް އާއި އައިޝަތު ސަދާ އާއި އައިޝަތު ރަނާ އަދި އައިމިނަތު މިންހާއެވެ.

 ލެވެލް 3 ގެ ޗެމްޕިއަންޓީމަށާއި މުޅި އިވެންޓްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރިމެހްމާން ތަހުމީނާ އަބުދުއްސަމަދެވެ. މި ފިއެސްޓާގެ ނެޓްބޯޅަ އިވެންޓުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ “ކިންގް އޮފް ދަ ޕްލެޔާ” އަކަށް ހޮވުނީ ލެވެލް ތިނެއްގައި ވާދަކުރި ރެޑް  ޓީމުގެ އައިޝަތު ރިސްމީ އެވެ.

ފިއެސްޓާގެ ހަރަކާތްތައް ނިންމުމުގެ ރަސްމިޔާތުގައި ޝަރަފްވެރިމެހްމާނާ ނ.މާޅެންދޫ ތަހުމީނާ އަބުދުއްސަމަދު ވަނީ މި އެކަޑަމީގެ ފައުންޑާއިނަށް ޝުކުރު އަދާކޮށްފައެވެ. މިދިޔަ އަހަރު ރަޖިސްޓްރީކޮށް ރަސްމީކޮށް މަސައްކަތްފެށި ޔޫޓޫޖޭ އެކަޑަމީއަކީ އެރަށުގައި މިހާތަނަށް އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޔޫސުފް އަބްދުއްރަހީމް އާއި ހުސައިން ޖަވާދުގެ އިސްނެގުމާއެކު އެރަށުގައި ކުޅިވަރަށް ހާއްސަކޮށްގެން ހުޅުވާފައިވާ އެކަޑަމީއެކެވެ. ތަހުމީނާ ވިދާޅުވީ އެކަޑަމީއެއް ރަށެއްގައި ހިންގުމަކީ ވަރަށް ބޭނުންތެރި މުހިއްމު ކަމެއް ކަމަށާއި މިއީ ބުރަކަމެއް ކަމަށާއި، މިފަދަ މަސައްކަތެއް ލަންދޫގައި ފެށުމަކީ ކުޅިވަރުގެ ރޮނގުން ބޮޑުކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ފެށި ޔޫޓޫޖޭ އެކަޑަމީގެ ފުރަތަމަ ފިއެސްޓާގައި އެރަށުގެ 190 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ އެކަޑަމީން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ކައިރި ރަށްތަކުގެ ޓީމުތައްވެސް އެކަޑަމީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދޭނެކަމަށެވެ.

ޓެގް

ޔޫޓޫޖޭއެކަޑަމީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.