ޚިޔާނާތުގައި ބައިވެރިވާ ފަރާތްތައް ވީހާވެސް އަވަހަކަށް ޝަރީއަތަށް ހާޒިރުކުރުމަށް ރައީސް ގޮވާލައްވައިފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާއަކީ ވަރަށް ބޮޑު ޢަދަދެއްކަމަށާއި އެކަމުގައި ޝާމިލްވާމީހުންގެ މައްސަލަތައް މިހާރުން މިހާރަށް ތަހްޤީޤުކޮށް ޝަރީއަތަށް ހާޒިރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސް ޞާލިޙް މިގޮތަށް ގޮވާލެއްވީ އެމްޑީޕީގެ ކެނޑިޑޭޓުގެ މަޖިލިސް ކެމްޕެއިން ލޯންޗު ކުރެއްވުމަށް ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭކަމަށް ތުހުމަތު ކުރެވުނަސް އެކަން ބަލައި ތަހުޤީގު ކުރުމަށްފަހު ޝާމިލުނުވާ ފަރާތަކުގެ ކުށެއްނެތްކަން ކަނޑައަޅަންޖެހޭ ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްފިނަމަ އަނެއްކާވެސް ބޮޑު މައްސަލަތަކެއްގެ ތެރެއަށް ދިވެހި ޤައުމު ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
“އަޅުގަނޑު އޭސީސީއަށް މިރޭ ދަންނަވާލަން ބޭނުންވަނީ. ލަސްނުކުރައްވާ އޭގައި ހުރި މީހުންގެ މައްސަލަތައް ބައްލަވާށޭ. ބައްލަވާ އޭގައި ކުށްވެރިވާ ފަރާތްތައް ޝަރީއަތަށް ފޮނުވަންޖެހޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ޝަރީއަތަށް ފޮނުވާށޭ.” ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ކުށްވެރިނުވާ ފަރާތަކީ ހަމަރަނގަޅަށް އިޚްލާސްތެރިކަމާއެކު އެއްވެސް ކުށެއްނެތް ބައެއް ކަމުގައި ކަނޑައަޅުއްވާ ދެއްވާ. އެހެންނޫނީ ބޮޑު މައްސަލަތަކެއްގެ ތެރެއަށް އަނެއްކާވެސް މިޤައުމު ވެއްޓިގެންދާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް އެތަހުގީގަށް ސާބިތުވި ކަންތައްތައް ހާމަނުކުރައްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އޭސީސީގެ ތަހުގީގީ ރިޕޯޓް ޢާއްމު ނުކޮށް ގިނަދުވަސްތަކެއް މަޑު ކުރެއްވީތީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޞާލިޙް ވަނީ ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމަކަށް މި ސަރުކާރުގެ ތެރެއިން ކުޑަ ނަމަވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ޒީރޯ ޓޮލަރެންސަކީ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވުމަށް ފެށިގެން ދިޔަ އެއްމެ ފުރިހަމަ ސިޔާސަތުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެމްޕީއާރުސީ ފައިސާގެ މައްސަލައިގައި މިސަރުކާރުގެ ބައެއްވަޒީރުންވެސް މިހާރުވަނީ ގޭގައި މަޑުކުރެއްވުމަށް ރައީސް ސޯލިޙް އަންގަވާފައެވެ.


ސާބަހޭ ސާބަހޭ ރައީސް ތިއީ ތެދުވެރި އެއް