“ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކޯޕަރޭޝަނެއް އުފައްދަވަން ރައީސް ނިންމަވައިފި
“ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކޯޕަރޭޝަނެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންނަވައިފިއެވެ.
މިއީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއެކު ރައީސް ޞާލިހު އުފައްދަވަން ނިންމެވި ކޯޕަރޭޝަނެކެވެ.
ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ކޯޕަރޭޝަނެއްގެ ގޮތުގައި މިކޯޕަރޭޝާން އުފައްދަވާއިރު ރައީސް އޮފީހުން ވިދާޅުވީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށެވެ. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
މިގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ..
