ޚަބަރު މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދުވުމުގެ ބޮޑު އިވެންޓެއް ބާއްވަނީ

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދުވުމުގެ ބޮޑު އިވެންޓެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެދުވަސް ފާހަގަކުރުމުގެ ގޮތުން “މޯލްޑިވްސް ވިމަންސް ރަން 2019” ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއިވެންޓް އިންތިޒާމްކުރަނީ އެން ރޭންޖުންނެވެ.

ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގާ ޖަމިއްޔާއެއް ކަމުގައިވާ އެންރޭންޖުން އަންނަ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މި ދުވުން އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ މައުމޫން ވަނީ މިދުވުމަކީ އަންހެނުން ކަންކަމުގައި ޝާމިލްކޮށް ބާރުވެރުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މުޖުތަމައުގައި ހިންގާ ގިނަ ކަންކަމުގައި އަންހެނުން ކުރިއަށްވުރެ ގިނައިން ބައިވެރިވާކަމަށާއި ނަމަވެސް އަދިވެސް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެން ރޭންޖުން މިއަހަރު މުޅިން އަލަށް ބާއްވާ މިދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ދުވުމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށް އެންރޭންޖުން މައުލޫމާތު ދެއެވެ. 2500 މީހުންނަށް ޓާރގެޓް ކޮށްގެން ބާއްވާ މި ދުވުމުގައި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދުވުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. “މޯލްޑިވްސް ވިމަންސް ރަން 2019” ގައި 5 ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވާއިރު މި ދުވުން އޮންނަނީ އަންނަ މާރޗްމަހުގެ 22 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައެވެ.

“މޯލްޑިވްސް ވިމަންސް ރަން 2019” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަ އަޙްމަދު މަޚުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެގް

އަންހެނުންގެ ދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.