ދީން

ހުކުރުދުވަހު ރަސޫލުﷲ ﷺ ގެ މައްޗަށް ޞަލަވާތްކިޔުން ގިނަކުރުން

ކީރިތި ރަސޫލާގެ މައްޗައް ޞަލަވާތް ކިޔަވާ އުޅުމަށް ވަކިދުވަހެއް ވަކިވަގުތެއް ނެތެވެ. ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައިވެސް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަންވީއެވެ. އެހެންނަމަވެސް ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކަންބޮޑު އެންމެ އިތުރުކަން ބޮޑު ދުވަސް ކަމުގައިވާ ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމަށް އެކަލޭގެފާނު އަޅުގަނޑުމެންނަށް އަންގަވާ ނަޞޭޙަތާ އިރުޝާދު ދެއްވާފައިވެއެވެ.

އެއްވެސް މީހަކު ހައިރާންވާން ޖެހޭކަމެއް ނޫނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެން އޮންނަވާއިރުވެސް އެކަލޭގެފާނުގެ މާތް ޤަބުރުފުޅަށް އަޅުގަނޑުމެންގެ ޞަލަވާތް މަލާއިކަތް ބޭކަލުން ހުށަހަޅުއްވާނެއެވެ.

އައުސް ބުން އައުސްގެ ކިބައިން އަބޫދާޥޫދު ރިވާކުރެއްވިއެވެ.

قال رَسُول اللَّهِ ﷺ: إن من أفضل أيامكم يوم الجمعة فأكثروا عليّ من الصلاة فيه فإن صلاتكم معروضة علي

މާނައީ: ރަސޫލުﷲ ﷺ ހަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހުކުރުދުވަސް ހިމެނެއެވެ. ފަހެ އެދުވަހުގައި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ތިޔަބައިމީހުން ގިނަކުރާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހެޅެމުންދެއެވެ.”

އެކަލޭގެފާނު މިހެން ހަދީޘްފުޅު ކުރެއްވުމުން އަސްޙާބުން ދެންނެވޫއެވެ. ކަލޭގެފާނުގެ މައްޗަށް އަޅުގަނޑުމެންގެ ޞަލަވާތް ހުށަހެޅޭނީ ކޮންފަދައަކުންތޯއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފިނަމަ މާތް ހަށިކޮޅު ވެއްޔާ ފަނާވެދާނެއެވެ. އެހިނދު އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ.

إن اللَّه حرم على الأرض أجساد الأنبياء

މާނައީ: “ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ފަނާކުރެއްވުމާ ހަލާކުކުރެއްވުމާ ނެތިކުރެއްވުން ބިމަށް (ބިމުގެ ފަސްގަނޑަށް) މާތްﷲ ޙަރާމްކުރެއްވިއެވެ.”

ކީރިތި ރަސޫލާގެ މައްޗަށް މީސްތަކުގެ ޞަލަވާތާ ސަލާމް ހުށހެޅޭހިނދު އެމާތް ހަށިކޮޅަށް އެކަލޭގެފާނުގެ ފުރާނަފުޅު ރައްދުކުރެވޭނެކަމަށް ޞައްޙަ ސަނަދުން ރިވާވެގެންވެއެވެ.

މިއިން އަނގައިދެނީ އެކަލޭގެފާނު އަޅުގަނޑުމެންގެތެރޭގައި ހުންނެވުމާ ސުވަރުގެވަޑައިގެން އޮންނެވުމާ ހަމަހަމަކަމެވެ. މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ކިބައިން އަބޫދާޥޫދު ރިވާކުރެއްވިއެވެ.

أن رَسُول اللَّهِ ﷺ قال: ما من أحد يسلم عليّ إلا رد اللَّه عليّ روحي حتى أرد عليه السلام

މާނައީ: ހަމަކަށަވަރުން ރަސޫލުﷲ ﷺ ހަދީޘްފުޅުކުރެއްވިއެވެ.

“އެމީހަކަށް ތިމަންކަލޭގެފާނު ރައްދުދެއްވުމަށްޓަކައި ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ތިމަންކަލޭގެފާނުގެ ފުރާނަފުޅު މާތްﷲ ރައްދުކުރައްވާ ގޮތަށް މެނުވީ އެއްވެސް މީހަކު ތިމަންކަލޭގެފާނަށް ސަލާމް ނުދަންނަވައެވެ.”

މަޢުލޫމާތު: އައްޟައިޚް މުޙައްމަދު މޫސާ (ނައިފަރު) ގެ “ފައިދާކުރަނިވި ބައެއް ޢަމަލުތައް” މިފޮތުން ނަގާފައި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close