ރައީސް ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ – ޤާސިމް
ރައީސް ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކަމަށާއި، ޤާނޫނީ އިމުން ބޭރުނުވެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަން ކުރާނަމަ ދައުރުނިމެންދެންވެސް ސަރުކާރާއި ރައީސް ޞާލިޙާށް އެއްބާރުލުން ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ މެންބަރޝިޕް ފޯމް ޕާޓީގެ ލީޑަރާއި ހަވާލުކުރުމަށް އެޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާޙީމް ވިދާޅުވީ، ރައީސް މައުމޫނުގެ ފަހުގެ ދައުރުތަކުން ފެށިގެން މިހާތަނަށް އުފެދުނު ހުރިހާވެރިކަމެއްވެސް ގެނެވުނީ އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ތާޢީދާއެކު ކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރަށް ޤާސިމް އެއްބާރުލުން ނުދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ބަޔަކުގައި ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
.ޤާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް އުސޫލުން ބޭރުންކަންކަން ކުރާނަމަ އެކަންކަން އިސްލާޙްކުރުމަށް މަސައްކަތް ކުރައްވާކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ތެރޭގައިވެސް އެފަދަ ކަމެއް ފެނިއްޖެނަމަ އެފަދަ ކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
އެމްޑީޕީއާއި އެޕާޓީގެ އިސްފަރާތްތަކަށް ފާޑުވިދާޅުވެ، ޚާއްސަކޮށް ކުރީގެ ރައީސް ނަޝީދަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް އެމްޑީޕީން މިހާރު މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް ޤާސިމްވަނީ ވާހަކަފުޅުދައްކަވާފައެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަސް އެއްބާރުލުން ނުދޭނެކަމަށާއި، އަދި އެއީ ކުރެވޭނެވެސް ކަމެއްނޫންކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ރޭ އެޕާޓީއާއި ގުޅުވަޑައިގެންނެވި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް އައްޑޫ ސީޓީ މީދޫ ހަސަންކާރިގެ، މުހައްމަދު ފަރުހާދާއި، އިތުރު ބައެއް ފަރާތްތަކުން ވަނީ އެޕާޓީއަށް ސޮއިކުރައްވާފައެވެ.




ތިޔައި ހަމަ ބޯނެއް ބުުރމާއެއް