ނައިޖީރިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ) ވަރުގަދަކޮށް، އާ ވިޔަފާރިތަކަށް އެހީތެރިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި އަބޫޖާގައި 12 މިލިއަން އެމެރިކާ ޑޮލަރުގެ އެންޓަޕްރައިނަޝިޕް ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއަށް އެ ގައުމުގެ ރައީސް ބޯލާ އަހުމަދު ތިނޫބޫ މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ތިނޫބޫ މި މަޝްރޫއަށް މަރުހަބާ ވިދާޅުވެފައިވަނީ ރިޔާސީ ތަރުޖަމާނު ބަޔޯ އޮނަނޫގާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައެވެ.
އަބޫޖާ ސެންޓަރ ފޯ އެންޓަޕްރައިނަޝިޕް (އޭސީއީ) ގެ ނަމުގައި ގާއިމުކުރާ މި ސެންޓަރަކީ ދެކުނު ކޮރިއާގެ ކޮރިއާ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) ގެ އެހީގައި، އަބޫޖާގެ އިދޫގައި ހުންނަ އެސްއެމްއީޑީއޭއެން އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ސެންޓަރުގައި ތަރައްގީކުރާ ތަނެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ނައިޖީރިއާގެ ފެޑަރަލް ސަރުކާރުގެ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ޑިވެލޮޕްމަންޓް އޭޖެންސީ (އެސްއެމްއީޑީއޭއެން) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.
މި ސެންޓަރުން ވިޔަފާރިވެރިންނަށް ބޭނުންވާ މަސައްކަތްކުރާނެ ޖާގައާއި، ޑިޖިޓަލް ވަސީލަތްތަކާއި، ތަމްރީނު އަދި އިންކިއުބޭޝަންގެ އިތުރުން ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ފެށުމުގެ ގޮތުން 500 އެންޓަޕްރައިނަރުންނާއި، އަލަށް ފަށާ 400 ވިޔަފާރިއެއްގެ އިތުރުން ކުދި އަދި މެދުފަންތީގެ 1،500 ވިޔަފާރިއަކަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި މަޝްރޫއަށް ހަރަދުވާ 12 މިލިއަން ޑޮލަރުގެ ތެރެއިން 5.9 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އިމާރާތް ކުރުމުގެ މަސައްކަތަށެވެ. އަދި ބާކީ 6.1 މިލިއަން ޑޮލަރު ހާއްސަކޮށްފައިވަނީ ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި ވިޔަފާރިވެރިންނަށް ހިންގާ ތަފާތު ޕްރޮގްރާމްތަކަށެވެ.
ރައީސް ތިނޫބޫ ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ނައިޖީރިއާގެ އިގްތިސާދުގެ މުހިންމު ބައެއް ކަމަށާއި، އެ ވިޔަފާރިތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދައިދީ އާއިލާތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދޭ ކަމަށެވެ.
އަދި ގިނަ އެންޓަޕްރައިނަރުންގެ އަތުގައި ރަނގަޅު ހިޔާލުތަކާއި ކާމިޔާބުވުމުގެ އަޒުމު ހުރި ނަމަވެސް، އެ ފަރާތްތަކަށް މައިގަނޑު ގޮތެއްގައި ބޭނުންވަނީ އެކަށީގެންވާ ވަސީލަތްތަކާއި، ޓެކްނޮލޮޖީ، ތަމްރީނު އަދި އެހީތެރިކަން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ސެންޓަރުގެ ހިދުމަތް އަބޫޖާގެ އިތުރުން ކަޑޫނާ، ޖޮސް، ކެފީ، ފިފިއާ، މިންނާ، މަކުރުދީ އަދި ލޮކޯޖާ ފަދަ ކައިރި ރަށްތަކުގެ ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. މިއީ އުތުރު ނައިޖީރިއާގެ އެންޓަޕްރައިނަޝިޕް މާހައުލު އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ކުރިއަރައި، ވާދަވެރި މާހައުލެއްގައި ކުރިއަށްދެވޭނެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި، އިތުރު ނައިޖީރިއާ މީހުންނަށް ވިޔަފާރި ފެށޭނެ މަގު ފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއަކީ ޑިޖިޓަލް ހުނަރުތައް ކުރިއެރުވުމަށާއި އެންޓަޕްރައިނަޝިޕް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ ފުޅާ އިންވެސްޓްމަންޓްތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ސެންޓަރަކީ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. އެގޮތުން ކުދިން ގޮވައިގެން އަންނަ އަންހެނުންނަށް ހާއްސަކޮށްގެން ކްރެޝް (ކުޑަކުދިން ބަލަހައްޓާ) ހިދުމަތްވެސް މި ސެންޓަރުގައި ހިމެނޭނެއެވެ.
އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެސްއެމްއީޑީއޭއެން، ކޮއިކާ އަދި ޔޫއެންޑީޕީ ގުޅިގެން ޔުނިވަސިޓީތަކާއި، އިންކިއުބޭޓަރުތަކާއި، މާލީ އިދާރާތަކާއި، އަމިއްލަ ސެކްޓަރުގެ ޖަމިއްޔާތަކާ އެކު ފުޅާ އެހީތެރިކަމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދެކުނު ކޮރިއާ ސަރުކާރުން ފޯރުކޮށްދިން 12 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ރައީސް ތިނޫބޫ ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮއިކާ، ޔޫއެންޑީޕީ އަދި އެސްއެމްއީޑީއޭއެން އިން މި މަޝްރޫއު އަމަލީ މަރުހަލާއަށް ގެނައުމަށް ކުރި މަސައްކަތަށް އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފައެވެ.
ނައިޖީރިއާގެ އިގްތިސާދު ވަރުގަދަވާނީ އެ ގައުމުގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބިގެން ކަމަށާއި، އަމިއްލަ ވިޔަފާރިތައް ވަރުގަދަކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނެ އިންވެސްޓްމަންޓްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ތިނޫބޫ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...