ދަރިވަރުންނަށް ދޭ ކާނާއަކީ ރައްކާތެރި ތާޒާ ކާނާތޯ ކޮންމެދުވަހަކު ކަށަވަރުކުރާނެ – އެޑިޔުކޭޝަން މިނިސްޓަރ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ކަންކަން ކުރިއަށްދާއިރު، ދަރިވަރުންނަށް ދެ ކާނާއަކީ ރައްކާތެރި ތާޒާ ކާނާތޯ ކޮންމެދުވަހަކު ކަށަވަރުކުރާނެ ކަމަށާއި، އެކަން ކުރާނީ ކޮންމެ ސްކޫލެއްގައި އޮންނަ ކޮމިޓީއަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އައިޝާ ވިދާޅުވީ އެ ކާނާ ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ އިން ހުއްދަލިބިގެން ހިންގާ ސާފުތާހިރު ތަންތަންތޯވެސް ކަށަވަރުކުރާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ނަތީޖާއަށް ބަލައި އަންނަ އަހަރުގެ ދެވަނަ ޓަރމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހަމަޖައްސާނެކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންގެ ސިއްޙީ މަޢުލޫމާތާއި އެނޫންވެސް އެކި މަޢުލޫމާތު، ސްކޫލްތައް މެދުވެރިކޮށް ބަލަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްތަކުގައި ނާސްތާ ދިނުމުގެ ކަންކަން ކުރިއަށްދާއިރު، ދަރިވަރުންގެ އަމަލުކުރާ ގޮތް ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ފޯރަމްގައި ޚިޔާލު ފާލުކުރި އާންމުން ވަނީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފަށާއިރު އެކަށީގެންވާ ގޮތެއްގައި އެކަން މޮނިޓަރކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެތޯ ސުވާލު އުފައްދާފައެވެ. އަދި ހެނދުނުގެ ނާސްތާއަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދިނުމަކީވެސް މުހިންމު ކަމެއްކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކާނާގެ ސާފުތާހިރުކަން ކަށަވަރު ކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމް އަންނަ ދިރާސީ އާއަހަރާއެކު ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު މި ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައެވެ. އަދި ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް މާލޭގެ 4 ސްކޫލަކާއި، އަތޮޅުތެރޭގެ 18 ސްކޫލަކުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.


