ޚަބަރު ދަނގެތީ ދާއިރާގެ ގޮނޑިއަށް ކާނަލް ނާޒިމް ޝައުގުވެރިކަން ފާޅުކުރައްވައިފި

ދަނގެތީ ދާއިރާގެ ގޮނޑިއަށް ކާނަލް ނާޒިމް ޝައުގުވެރިކަން ފާޅުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސްގެ ދަނގެތީ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީގުގެ އިންތިޚާބު 2019 ގައި އދ.ދަނގެތީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ކާނަލް ނާޒިމް ވީޓީވީގެ މެހެމާންސަރާ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، ދަނގެތީ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ، އެ ދާއިރާއަކީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާއަކަށްވެފައި، ދަނގެތީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ “ހައްޤު” މިންވަރު ހޯދައިދިނުމަށް ކަމަށެވެ. އަދި މިގޮތަށް ނިންމެވުމުގައި އޭނާގެ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މަޝްވަރާގެ އިތުރުން، ދަނގެތީ ދާއިރާގައި ރަށްރަށުގެ ކައުންސިލްތަކުގެ މަޝްވަރާވެސް ހޯއްދަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަނގެތީ ދާއިރާގައި ހިމެނޭ ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި މިހާރުން މިހާރަށް ހޯދިދާނެ ޙައްލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހާރު ތަމްސީލުކުރައްވަމުންދާ ޖުމްހޫރީ ޕާޓީ މެދުވެރިކޮށްވެސް އެ ދާއިރާގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިދާނެކަމަށާ، މި ސަރުކާރު މެދުވެރިކޮށް ދަނގެތީ ދާއިރާގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ކާނަލް ނާޒިމް ފާޅުކުރައްވާފައިވާއިރު، އޭނާގެ މައްޗަށް 2015 ވަނަ އަހަރު އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ރިވިކުރުމަށްފަހު، އެ ޙުކުމް ބާޠިލުކުރުމުން ދާދިފަހުން އޭނާވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި މިހާރު އެޕާޓީގައި ފުރުއްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާޞިމް އިބްރާހީމްގެ އެޑްވައިޒަރކަމުގެ މަޤާމެވެ.

ޓެގް

ކާނަލް ނާޒިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.