ދަރިން ތަރުބިއްޔަތުކޮށް ގައުމުގެ މުސްތަގްބަލް ބައްޓަންކުރުމުގައި ޓީޗަރުން އަދާކުރައްވާ ދައުރަކީ އިންތިހާއަށް މުހިންމު ދައުރެއް ކަމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދިނުމަކީ ގައުމަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ދެއްވި މެސެޖެއްގައި ނައިބު ރައީސް ވަނީ، ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ތައުލީމީ ދާއިރާއަށް އަންނަ އައު ގޮންޖެހުންތަކާ ކުރިމަތިލާއިރުވެސް މުދައްރިސުންނަށް ކޮންމެ މީހެއްގެ އެއްބާރުލުމާއި އެހީތެރިކަން ދޭންޖެހެއެވެ. "މުދައްރިސުން ބާރުވެރިކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދެއްވި މެސެޖެއްގައި ވިދާޅުވީ، ޓީޗަރުންގެ ޒިންމާތައް ފުރިހަމަޔަށް އަދާކުރުމަށް ބޭނުންވާ މާހައުލު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން، މި ސަރުކާރުން މުދައްރިސުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޝާމިލު ތައުލީމީ ނިޒާމެއްގެ ދަށުން ކިޔަވައިދިނުމަށް ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...