ސިނަމާލެ ބްރިޖުގެ އެއާޕޯޓާ ވީކޮޅުގައި ހުރި ބެރިކޭޑުތައް ހުރަސްކޮށް ފައިމަގުގައި ދާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމައި ފުލުހުން އެކަމުގެ އިންޒާރު ދީފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނި ގޮތުގައި، 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވީއްސުރެ، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ އެއްކޮށް މަނާކުރެވިފައިވާ ކަމެކެވެ.
ނަމަވެސް، އެއާޕޯޓާ ވީކޮޅުން ބްރިޖުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތަކަށް ނުބަލައި، ބައެއް އާންމުން އެ ސަރަހައްދު ހުރަސްކޮށް ފައިމަގުގައި ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ސަލާމަތަށް ބުރޫއަރައި، ހިތާމަވެރި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން، އެގޮތަށް އަމަލުކުރުމަކީ އެއްވެސް ހާލެއްގައި ހުއްދަ ދެވިފައިވާ ކަމެއް ނޫންކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
އެހެންކަމުން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާންތައް އެ ސަރަހައްދުގައި މިހާރު ވަނީ ހަރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް ބުނެފައިވަނީ، މަނާކުރެވިފައިވާ މި ބޯޑުތަކާއި ނިޝާންތަކަށް ނުބަލައި އެ ސަރަހައްދު ހުރަސްކުރާ ފަރާތްތަކާމެދު ގަވާއިދުގެ މަތިން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...