ޓެކްނޮލޮޖީ އިމްތިޙާނުތަކުގެ ހާސްކަމަށް ލުޔެއް ދިނުމަށް ސިލަބައިން “ސްޓޫޑަންޓް ދުޢާ” އެޕް ނެރެފި

އިމްތިޙާނުތަކުގެ ހާސްކަމަށް ލުޔެއް ދިނުމަށް ސިލަބައިން “ސްޓޫޑަންޓް ދުޢާ” އެޕް ނެރެފި

އިމްތިޙާނުތަކުގެ ހާސްކަމަށް ލުޔެއް ދިނުމަށް ސިލަބައިން “ސްޓޫޑަންޓް ދުޢާ” އެޕް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އިމްތިޙާނު ދުވަސްވަރު ދަރިވަރުންނަށް ކުރިމަތިވާ ނަފްސާނީ ފިއްތުންތަކާއި ހާސްކަމަށް ލުޔެއް ހޯދައިދީ، ކިޔެވުމުގައި ހަމަޖެހުން ހޯދައިދިނުމުގެ މަޤްޞަދުގައި “ސްޓޫޑަންޓް ދުޢާ” ގެ ނަމުގައި ޚާއްޞަ އޮންލައިން ޓޫލެއް ތަޢާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ ސިލަބައި އިން އާންމުކޮށް ހުޅުވާލައިގެން ދޭ ހިލޭ ޚިދުމަތެކެވެ.

އެކި އުނދަގޫ ވަގުތުތަކާއި ކިޔެވުމުގެ ތެރޭގައި ބޭނުންކުރެވޭނެ އެކި ދުޢާތައް ހިމެނޭ މި ޓޫލް ބޭނުންކުރުމަށް އެއްވެސް އެޕްލިކޭޝަނެއް ޑައުންލޯޑް ކުރަން ނުޖެހޭނެއެވެ. އަދި އެއްވެސް ސައިން-އަޕެއް ވެސް ބޭނުމެއް ނުވެއެވެ. ފޯނު، ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރުގެ ބްރައުޒަރު މެދުވެރިކޮށް ސިލަބައިގެ ވެބްސައިޓުން ސީދާ މި ޚިދުމަތް ހޯދޭނެއެވެ. މި ޓޫލްގައި ހިމެނޭ ކޮންމެ ދުޢާއެއްވެސް ޢަރަބި ބަހުގެ އިތުރުން ދިވެހި އަދި އިނގިރޭސި ތަރުޖަމާއާއެކު ވަނީ ހިމަނާފައެވެ.

މި ޓޫލްގެ އެންމެ ޚާއްޞަ އެއް ފީޗާއަކީ ދުޢާގެ ނަން ހޯދުމުގެ ބަދަލުގައި، އެވަގުތަކު ދަރިވަރަށް އިޙްސާސްކުރެވޭ ހާލަތް އިޚްތިޔާރުކޮށްގެން ދުޢާތައް ފެންނާނެހެން ފަރުމާކޮށްފައިވުމެވެ. އޭގެ ތެރޭގައި ހާސްވެ ކަންބޮޑުވާ ވަގުތުތަކާއި އިމްތިޙާނާ ކުރިމަތިލާ ވަގުތުތަކަށް ޚާއްޞަ އިޚްތިޔާރުތައް ހިމެނެއެވެ. މީގެއިތުރުން އިމްތިޙާނު ކަރުދާސް ހުޅުވާލުމުގެ ކުރިން ސަމާލުކަން ގާއިމުކުރުމަށް “އެގްޒާމް މޯޑް” އަދި ކިޔަވަން ފެށުމުގެ ކުރިން ނިޔަތް ރަނގަޅުކުރުމަށް 30 ސިކުންތު ހޭދަކޮށްލެވޭ “އައިމް އެބައުޓް ޓު ސްޓަޑީ” މޯޑުވެސް ހިމެނެއެވެ.

ދުޢާތަކުގެ އިތުރުން، ދުޢާ ކުރުމުގެ އަދަބުތަކާއި، އިސްތިޚާރާ ނަމާދު ކުރާނެ ގޮތުގެ އިރުޝާދުތަކުގެ އިތުރުން ކިޔެވުމާއި ދުޢާއާ ގުޅޭގޮތުން ދަރިވަރުންގެ ހިތުގައި އުފެދޭ އާންމު ސުވާލުތަކުގެ ޖަވާބުތައްވެސް މި ޓޫލް މެދުވެރިކޮށް ލިބެން ހުރެއެވެ. މިއީ ހަމައެކަނި ދުޢާ ކިޔާލުމުގެ އިތުރުން ދީނީގޮތުންނާއި ރޫޙާނީގޮތުން ދަރިވަރުން އަހުލުވެރިކުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބޭނުންކުރާ ފަރާތްތަކަށް ފަސޭހައަކަށްޓަކައި ޑާކް މޯޑާއި، ދުޢާތައް ފަހުން ބެލުމަށް ސޭވްކުރުމުގެ ފުރުޞަތާއި، ސޯޝަލް މީޑިއާގައި ހިއްސާކުރެވޭނެ ފޮޓޯ ކާޑުގެ ގޮތުގައި ޝެއާކުރުމުގެ ފީޗާވެސް ވަނީ ހިމަނާފައެވެ. އަދި ފޯނުގެ ހޯމް ސްކްރީނަށް އެޑްކޮށްލައިގެން އެޕެއްގެ ގޮތުގައިވެސް މި އޮންލައިން ޓޫލް ބޭނުންކުރެވޭނެއެވެ.

ސިލަބީގެ ފައުންޑާ ޖުމައިލް މުހައްމަދު ވިދާޅުވި ގޮތުގައި، މިއީ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ މަސައްކަތް ފަސޭހަކޮށްދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ފެށުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތަކާއި ދުޢާތައް އިތުރުކުރެވެމުންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އޯލެވެލް އަދި އޭލެވެލް ފަދަ ޤައުމީ އިމްތިޙާނުތަކުގެ ދުވަސްވަރަކީ ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ބޮޑު ނަފްސާނީ ފިއްތުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. ސިލަބައި ފަދަ އެޑިއުކޭޝަން ޓެކްނޮލޮޖީ ވަސީލަތްތަކުން ދަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޭނުންވާ ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދީ، ކިޔެވުމުގެ މާހައުލު ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގް

ދުޢާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.