ބޭރުދުނިޔެ

ކުރީގެ ބޮޑުވަޒީރުގެ ތުހުމަތުތައް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފި

އިސްލާމްއާބާދު – ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އިންޓީރިއާ މިނިސްޓަރު ރަނާ ސަނައުالله އަދި ސިފައިންގެ މޭޖަރަކަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތައް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ.

އަސްކަރިއްޔާއިން ބުނެފައި ވަނީ އެއީ “އަސާސެއް ނެތް އަދި ޒިންމާދާރުކަން ކުޑަ” ތުހުމަތު ތަކެއްކަމަށެވެ. ޕާކިސްތާނުގެ އަސްކަރީ މީޑިއާ ވިންގް، އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ޕީޓީއައިގެ ވެރިޔާ އެ މުއައްސަސާ އާއި ޚާއްސަކޮށް ސިފައިންގެ އިސް އޮފިސަރަކާ ދެކޮޅަށް ކުރާ އަސާސެއް ނެތް އަދި ޒިންމާދާރުކަން ކުޑަ ތުހުމަތުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަދި ކުރެވިގެންވާނޭ ތުހުމަތުތަކެއް ނޫން” ކަމަށެވެ.  ޑޯން ރިޕޯޓްގައި ވެއެވެ.

އިމްރާންގެ ހަށިކޮޅަށް ބަޑިޖަހާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އޭނާގެ ޕާޓީގެ’ ހަގީގީ އަޒާދީ’ ހިނގާލުން ވަޒީރާބާދުގެ الله ވަލާ ޗޯކަށް ފޯރާފައި ވަނިކޮށެވެ.

މިހަމަލާއާއި ގުޅިގެން އިމްރާންގެ ޕާޓީ އިދިކޮޅު ޕާޓީ ޕާކިސްތާން ތަހުރީކޭ އިންސާފް (ޕީޓީއައި) އިން ވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އިންޓީރިއާ މިނިސްޓަރު ރަނާ ސަނައުالله އަދި ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކު މިހަމަލާގެ ޒިންމާ އުފުލައްވައި އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ. ޕީޓީއައި ގެ އިސް ލީޑަރު އުމަރު އައްސަދު ވަނީ އެ ތިން މީހުން މަޤާމުން ވަކިކުރުމަށް ޑިމާންޑް ކުރައްވާފަ އެވެ.

އަވަހާރަކޮށްލަން އުޅުނު ފަހުން ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި އިމްރާން ވަނީ ވަޒީރާބާދުގައި ދިން ހަމަލާ ކުށްވެރިކުރައްވާފަ އެވެ. ޚާއްސަކޮށް އަސްކަރިއްޔާގައި ތިބިވެރިން ޖަވާބުދާރީ ކުރުވުމަށް ޗީފް އޮފް އާމީ ސްޓާފް (ސީއޯއޭއެސް) ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ އަށް އިލްތިމާސް ކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close