އިރާގުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާމެދު އެމެރިކާއާއި އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފި
ޝިޔައީންގެ ނުފޫޒު ގަދަ ލީޑަރު ސަދުރު ސިޔާސީ ކަންކަމުން އިސްތިއުފާ ދެއްވުމަށްފަހު، އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާތީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިރާގުގައި އުފެދިފައިވާ ފިތުނަތައް އިތުރުވުމުން ކަންބޮޑުވާ ކަމަށް އެމެރިކާއިން ބުނެފައިވާއިރު، ހުރިހާ ފަރާތްތަކުން “ސުލްހަވެރިކަމާއެކު ތިބުމަށާއި އަނިޔާވެރިކަމުގެ ދައުރެއް އުފެދިދާނެ އަމަލުތަކުން ދުރުހެލިވުމަށް” ވަނީ އިލްތިމާސްކޮށްފައެވެ.
ޝިޔައީންގެ ބާރުގަދަ ލީޑަރު ސިޔާސީ ކަންކަމުން ވަކިވަމުންދާ ކަމަށް އިއުލާން ކުރެއްވުމާ ގުޅިގެން ހޯމަ ދުވަހު ބަޣްދާދުގެ ގްރީން ޒޯނުގައި ހުންނަ ސަރުކާރުގެ ގަނޑުވަރަށް މޮގްތާދާ ސަދްރުގެ ސަޕޯޓަރުން ވަދެގަތުމާއެކު، އިރާގު ސަރުކާރުން މުޅިޤައުމުގައި ކުއްލި ހާލަތު އިއުލާން ކުރުމުން އުފެދުނު ކުރިމަތުލުން ތަކުގައި މިހާތަނަށް 12 މީހަކު މަރުވެ 270 މީހުން ވަނީ ޒަހަމްވެފަ އެވެ.
“މިއަދު މުޅި އިރާގުގައި ހަމަނުޖެހުން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އެއީ އިރާގުގެ މުއައްސަސާތައް ހިންގުމުގެ ފުރުސަތު ނުދޭތީ ކަންބޮޑުވާ ކަމެއް،” ބަޣްދާދުގައި ހުންނަ އެމެރިކާ އެމްބަސީން ވިދާޅުވި އެވެ.
“ސުލްހަވެރިކަމާއެކު އާންމުން މުޒާހަރާ ކުރުމުގެ ހައްގަކީ ހުރިހާ ޑިމޮކްރަސީތަކެއްގެ އަސާސީ ބައެއް ނަމަވެސް މުޒާހަރާ ކުރާ މީހުން އިރާގުގެ ރައްޔިތުންނަށް ނިސްބަތްވާ އަދި ހިދުމަތްދޭ މުއައްސަސާތަކަށާއި މުދަލަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ،” އެމްބަސީ އިތުރަށް ވިދާޅުވި އެވެ.
އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އިނގިރޭސި އެމްބަސީގެ އިންޗާޖް ޑި އެފެއާޒް ޖޭމްސް ޑައުނަރ ވިދާޅުވީ ހޯމަ ދުވަހު ހިނގި ހާދިސާތަކާއި ބަޣްދާދުގައި މަރުވި މީހުންގެ ރިޕޯޓްތައް ލިބުމުން އޭނާގެ ގައުމު “ވަރަށް ކަންބޮޑުވާ” ކަމަށެވެ.
“މަގުމަތީގައި އުޅޭ މީހުން އަނިޔާވެރިކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރަން،” އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ. “ކޮންމެ މުޒާހަރާއެއް ވެސް ސުލްހަވެރިކަމާއެކު އޮންނަން ޖެހޭނެ. އިރާގުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނިޔާވެރިކަމުގެ ތެރެއަށް ވައްޓާލުމަކީ ހައްގު ކަމެއް ނޫން. އިރާގުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަމަލުކުރުމަށާއި އެމީހުން ބަރޯސާވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތައް ބޭނުންވޭ.” އެ ބަޔާނުގައިވެއެވެ.
ޑައުންނާ ވަނީ އިރާގުގެ ސަލާމަތީ ބާރުތަކަށް ނިސްބަތުން ޖަވާބުދާރީވުމަށް އިލްތިމާސްކުރައްވައި، ހުރިހާ ފަރާތަކަށް ވެސް ގޮވާލައްވާފަ އެވެ.
މީގެއިތުރުން ބަހްރެއިން އިން ވަނީ އިރާގުގައި ތިބި އެގައުމުގެ ރައްޔިތުން ސަމާލުވުމާއި ސަލާމަތީ ރަސްމީ އިޖުރާއަތްތަކަށް އަމަލުކުރުމަށް ގޮވާލާފަ އެވެ.
ބަޣްދާދުގައި ހުންނަ އެމްބަސީން ވަނީ އެގައުމުގެ ރައްޔިތުން އެއްވެ އުޅޭ ތަންތަނާ ދުރުވެ، ލޯކަލް އޮތޯރިޓީތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.




އެމެރިކާ އިސްކޮޅަށް ތެދުވެ ، އިގިރޭސީ މަޖޫސީން ބައިވެ އޮވެގެން ޢިރާޤް ސުންނާފަތިކޮށް ދާޚިލީހަމަނުޖެހުމެއް ޢިރާޤު ގައި ބޮޑުކުރުމަށް ފަހު އެއްކައރިއަށްޖެހި ކަންބޮޑުވުން ފާޅުކުރީމަ ވަރަށް ތާހިރު. މޮޅުއަނދުނެއްތާ، ދުނިޔޭގެ ލޮލުގައި އަޅުވާލަން .