އިސްރާއީލުގެ ޔަހޫދީންގެ ހަމަލާތައް ގަލްފް ކޯޕަރޭޝަން އިން ކުށްވެރި ކުރައްވައިފި
ގުދުސްގައި އިސްރާއީލުގެ ސިފައިން ތަކުރާރުކޮށް އަލްއަގްސާ މިސްކިތަށް ދޭ ހަމަލާތައް ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރި ކުރައްވައިފި އެވެ.
އަލްއަގްސާގެ ޙުރުމަތް ކަނޑައި، ރަމަޟާންމަހު މާތް މައްސަރު ދެމުންދާ މިފަދަ އުދުވާނީ ތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވެ ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ ފާޑުވިދާޅުވެފައެވެ.
އަލްބުޑައިވީ ވިދާޅުވީ މާތް މަހުގެ ތެރޭގައި އިސްރާއީލުން ހިންގި އުދުވާނީ އަމަލުތަކާއި މިސްކިތަށް އަރައިގަތުންތައް ކުރިއަށް ދިއުމަކީ މާތް ތަންތަނުގެ މުޤައްދަސްކަމާ ޚިލާފު ކަމެއް ކަމަށެވެ.
އޭނާ ވަނީ ފަލަސްތީނުގެ އާންމުން ހިމާޔަތްކޮށް، ގުދުސްގެ ގާނޫނީ ސިފައާއި ޑިމޮގްރަފިކް ކޮމްޕޮޒިޝަން އަދި އިސްލާމީ މާތް ތަނުގެ އިންތިޒާމުތައް ބަދަލުކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
ޖީސީސީން ވަނީ އިސްރާއީލުގެ ބާރުތަކުން ދެމުންތާ ހަމަލާތައް ތަފްސީލުކޮށް، ނަމާދުކުރާ މީހުންނަށް އުނދަގޫކުރުމާއި، ހަމަލާދިނުމާއި، ބޭރުކުރުމުގެ އިތުރުން އިބްރާހީމީ މިސްކިތް ބަންދުކުރުމުގެ މައްސަލަތައް ވެސް ތަފްޞީލުކޮށްފަ އެވެ.
އަލްބުޑައިވީ ވިދާޅުވީ މިފަދަ އަމަލުތަކަކީ ދުނިޔޭގެ މުސްލިމުންނަށް ޕްރޮވޮކޭޝަނެއް ދިނުމާއި މާތް ތަންތަނުގެ ގާނޫނީ ހައިސިއްޔަތަށް ހަމަލާދިނުމާއި ތާރީހީ ގޮތުން އެއްބަސްވެފައިވާ ސްޓޭޓަސް ކުއޯ އިންތިޒާމުތަކާ ހިލާފުވުމާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ދިމާ އިދިކޮޅު އަމަލުތަކެއް ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ އަނިޔާވެރި ހަމަލާތަކަކީ ބިރުވެރި ބަދަލެއް ކަމަށާއި އެކަމުގެ ހުރިހާ ޒިންމާއެއް އިސްރާއީލު ސަރުކާރުން އުފުލަންޖެހޭ ކަމަށެވެ.
މި ބަޔާން ނެރެފައިވަނީ އިސްރާއީލުގެ ސިފައިންގެ ހިމާޔަތުގެ ދަށުން މާޗް 29 ވަނަ ދުވަހު އިސްރާއީލުގެ ވަޒަންވެރިން އަލްއަގްސާ މިސްކިތަށް ވަދެގަތް އަމަލުތައް އަލްބުޑައިވީ ކުށްވެރި ކުރެއްވިތާ ދުވަސްތަކެއް ފަހުންނެވެ.
އޭނާ ވިދާޅުވީ ރޯދަމަހު މިފަދަ އަމަލުތައް ހިންގުމަކީ ނުރައްކާތެރި ހާލަތު ގޯސްވުމާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުމާއި ގުދުސްގެ ތާރީހީ އަދި ގާނޫނީ ހާލަތާ ހިލާފު ކަމެއް ކަމަށެވެ.



