ޣައްޒާގެ ކުޑަކުދިންގެ ގްރޫޕަކުން އެމެރިކާގެ ނޫސްވެރިޔާ ޓަކަރ ކާލްސަންއަށް އަމާޒުކޮށް ވީޑިއޯ މެސެޖެއް ނެރެފިއެވެ. އެ ކުދިން ވަނީ ހަނގުރާމައާއި ސުންނާފަތިވުމުގެ ތެރޭގައި ދިރިއުޅެމުންދާ ކުޑަކުދިންގެ ޙާލަތު ދުނިޔެއަށް ހާމަކޮށްދިނުމުގައި ދެމިހުރުމަށާއި، އެކުދިންގެ ހައްގުގައި ވަކާލާތުކޮށްދިނުމަށް އޭނާގެ ކިބައިން އެދިފައެވެ.
މި ވީޑިއޯއިން ފެންނަނީ ޣައްޒާގެ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރޭގައި 11 އަހަރުގެ ލަޔާން އަލްޤޫޤާ އާއި އިތުރު ކުދިންތަކެއް ތިއްބައެވެ.
އެ ކުދިން ވަނީ ކާލްސަން ގެންގުޅުއްވާ ނޫސްވެރިކަމުގެ ސިޔާސަތަށް ޝުކުރު އަދާކުރުމުގެ ގޮތުން، އޭނާގެ ސޫރަ ހިމެނޭ ބޮޑު ކުރެހުމެއް ފާރެއްގައި ކުރަހާފައެވެ.
މި ހަރަކާތަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އަމަލުތަކާ ދެކޮޅަށް ކާލްސަން ފާޅުކުރައްވާ ހަރުދަނާ ބަސްމަގާއި، އިސްރާއީލަށް އެމެރިކާއިން ދޭ އަސްކަރީ އެހީއާ ދެކޮޅަށް އޭނާ ކުރައްވާ ވަކާލާތުގެ އިތުރުން، އޭޕެކް (AIPAC) ފަދަ ލޮބީ ގްރޫޕްތަކަށް އޭނާ ކުރައްވާ ފާޑުކިޔުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ޣައްޒާގައި ހިންގަމުންދާ އަސްކަރީ ކެމްޕޭނަކީ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ވޮޝިންގޓަންގެ ސިޔާސީ ނިޒާމަށް އޭނާ ކުރައްވާ ފާޑުކިޔުންތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ވަނީ ލިބިފައެވެ.
މި ވީޑިއޯ މިހާރު ދަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ވަރަށް ބޮޑަށް ފެތުރެމުންނެވެ.
މި ކުރެހުމަކީ ލަޔާން އަލްޤޫޤާ އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. އޭނާ އަންނަނީ ކުރެހުމުގެ ފަންނު ބޭނުންކޮށްގެން މަޝްހޫރު ފަރާތްތަކުގެ ސޫރަ ކުރަހައި، މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތު ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...