ރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންގޮސް، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތަކުގެ އަދަދު 2،100 އަށްވުރެ މައްޗަށް ގޮސްފިއެވެ.
ފުލުހުންގެ އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހުށަހެޅުނު ޖުމްލަ 10,258 މައްސަލައިގެ ތެރެއިން 20.8 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ ޖުމްލަ 2,132 މައްސަލައެވެ.
މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން އިތުރުވުމެކެވެ. އެގޮތުން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ 2,066 މައްސަލަ ކަމަށްވާއިރު، 2024 ވަނަ އަހަރު 1,670 މައްސަލަ، 2023 ވަނަ އަހަރު 1,752 މައްސަލަ، 2022 ވަނަ އަހަރު 1,420 މައްސަލަ އަދި 2021 ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ 1,447 މައްސަލައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ތިން އަހަރުވެސް އެކި ބާވަތުގެ މައްސަލަތައް ހުށަހެޅުނު މިންވަރު އުޅެނީ 12,000 އަށްވުރެ މަތީގައެވެ. އެގޮތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2,830 މައްސަލައާއި އެކްސިޑެންޓާ ގުޅޭ 2,462 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އާބާދީގެ ތެރެއިން 10,000 އަށްވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފައިވާއިރު، އެފަދަ މީހުންނަށް ދެވޭ ފަރުވާ އެކަށީގެންވާ މިންވަރަށް ނުދެވޭކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ އަހަރު ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ނުވަތަ ބޭރުކުރަން އުޅޭ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް ގާނޫނު ވަނީ ހަރުކަށިކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...