ޚަބަރު

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ފިނޭނެސް މިނިސްޓްރީން ވިދާޅުވީ ދަޢުލަތުގެ މާލިއްޔަތު ޤާނުނު އަދި ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާއި ގުޅޭ އެންމެހާ ތަފްސީލްތައްވެސް މަޖިލީހަށް އިއްޔެ ހުށައަޅާފައިވާކަމަށެވެ. ބަޖެޓާ ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ޤަވާއިދުގައި ވަނީ އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1ގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށައަޅަންވާނެކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައަޅާ ޖަލްސާގައި ބަޖެޓާގުޅޭ ތަފްސީލްތައް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުންނަށް ލިބޭނެ އިންތިޒާމް ފިނޭންސް މިނިސްޓަރ ހަމަޖައްސަވަން ޖެހޭނެކަމަށެވެ. ޢާންމު އުސޫލުން ކޮންމެ އަހަރެއްގެ ބަޖެޓާ ގުޅޭ ބަޔާން ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން އިއްވަވައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ބަޔާން ހުށައެޅުމަށް އެޖެންޑާކުރިނަމަވެސް ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިނުގަންނަވައެވެ. އެގޮތަށް ނިންމެވީ ބަންޑާރަ ނާއިބުގެ ލަފާފުޅާއި ގުޅިގެންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާ އެޖެންޑާކޮށްފައިވާތީއެވެ.

ބަންޑާރަ ނާއިބު ލަފާދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އޮތުމާއިއެކު، އެ މައްސަލައާއި މެދު ގޮތެއް ނުނިންމާ މަޖިލީހުގެ އިތުރު މަސައްކަތަކަށް ބަހުސްކުރުން ކުރިއަށް ނުގެންދެވޭނެތީ ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިނުގަތުމަށެވެ.

މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ޤާނުގައި ބަޔާންކުރަނީ ނޮވެމްބަރު މަސް ފެށުމުގެ ކުރިން ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓު ހުށައެޅުމަށްކަމަށާއި، އެހެންކަމުން ޤާނޫނީ އެޒިންމާ މިނިސްޓަރ އަދާކުރައްވާފައިވާކަމަށެވެ.

“ޤާނުނުގައި އޮންނަ ގޮތަށް ފިނޭންސްއިން މިވަނީ ބަޖެޓު ހުށައަޅާފައި. ޤާނުނުގައި ބުނަނީ ބަޖެޓާއި ތަފްސީލްގެ މަޢުލޫމާތު މަޖިލީހަށް ހުށައަޅާން. ބަޔާން ހުށަނޭޅި ނަމަވެސް، ބަޖެޓުގެ ތަފްސީލް ހުށައެޅީމައި ޤާނޫނުގައި ބުނާ ބުނުން ފުރިހަމަވީ.” އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވައި މެންބަރުން ބޮޑު ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެއިތުރުން މިއަހަރުގެ ޚަރަދުތައް ހަމަޖެއްސެވުމަށް ސަރުކާރުން ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުވެސް ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. ނަމަވެސް އެ މަސައްކަތްވެސް ވަނީ މަޑުޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close