ތުއްތު ކުއްޖާވަނީ ރައްކާތެރި ކަމާއި ސަލާމަތަށްޓަކައި ޢާއިލާއާއި ވަކިކުރެވިފައި – ޖެންޑަރ
ދެކުނުގެ ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް 2020 ޖަނަވަރީ މަހުގެ 15ވީ ބުދަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުމާ ގުޅިގެން، މި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރެވުނު މަސައްކަތްތަކުން އެނގުނު ގޮތުގައި ހިނގައިފައިވަނީ ޖިންސީ އަނިޔާގެ މައްސަލައެއް ކަމަށް ވާތީ އެ ތުއްތު ކުއްޖާވަނީ މިހާރު ރައްކާތެރި ކުރުމުގެ ގޮތުން ޢާއިލާއާއި ވަކިކުރެވިފައިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާއެކު، އެ ކުއްޖާ ވަނީ ޢާއިލާއިން ވަކިކުރެވި ރައްކާތެރި މާޙައުލަކަށް ބަދަލުކުރެވިފައިކަމަށެވެ.
މި މައްސަލަގައި މިނިސްޓްރީން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން އިޙްތިޖާޖު ކުރަމުންދާ ރައްޔިތުންދަނީ މިނިސްޓަރގެ އިސްތިއުފާއަށް ގޮވަމުންނެވެ.
